މާލެ: 31°C

ޗައިނާގައި ކޮވިޑް ޖެހޭ މީހުންގެ އަދަދު މަދުވާން ފަށައިފި

February 9, 2023
2 ފަހަރު ބަލާފައި
ޗައިނާގައި ކޮވިޑް ޖެހޭ މީހުންގެ އަދަދު މަދުވާން ފަށައިފި
ޗައިނާގައި ކޮވިޑް ޖެހޭ މީހުންގެ އަދަދު މަދުވާން ފަށައިފި
ޗައިނާގައި ކޮވިޑް-19 ގެ ބަލިމަޑުކަން ކޮންޓްރޯލްވެ، ހާލަތު ރަނގަޅުވަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެފިއެވެ. ޗައިނާގެ އާ އަހަރާ ދިމާކޮށް ކޮވިޑްގެ ކޭސްތަކުގެ އަދަދު އިތުރުވާނެ ކަމަށް ބެލެވުނެވެ. ނަމަވެސް ހީކުރި ގޮތާއި މުޅިން ހިލާފެވެ. ޗައިނާގެ ސެންޓާ ފޯ ޑިޒީޒް ކޮންޓްރޯލް އެންޑް ޕްރިވެންޝަން (ސީޑީސީ) އިން ބުނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ މެދުތެރޭގައި ބަލި ޖެހުނު މީހުންގެ އަދަދު އިތުރުވިނަމަވެސް ފަހުން ބަލި ފެތުރޭ މިންވަރު ހުރީ ދަށުގައި ކަމަށެވެ. " އާ އަހަރުގެ ޗުއްޓީގައި ކޮވިޑުގެ ކޭސްތައް ފެންނަން ނެތް،" ސީޑީސީން ބުންޏެވެ. ޑިސެމްބަރު މަހުގެ 22 ވަނަ ދުވަހު ދުވާލެއްގެ މައްޗަށް 6.94 މިލިއަން ކޭސް ރިޕޯޓްކޮށްފައިވާއިރު، ޖެނުއަރީ މަހުގެ 30 ވަނަ ދުވަހު އެ އަދަދު ވަނީ 30،000 އަށް ދަށަށް ގޮސްފައެވެ. އަދި ޖެނުއަރީ މަހު ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާ ދޭ މީހުންގެ އަދަދު ވެސް 1.6 މިލިއަނަށް އަރާފައިވާއިރު، ޖެނުއަރީ 30 ގެ ތަފާސް ހިސާބުތަކާ ހަމައަށް އެ އަދަދު މިހާރު ވަނީ 144،000 އަށް ދަށްވެފައެވެ. ކޮވިޑާ ގުޅިގެން ޗައިނާގައި އަޅާފައިވާ ހަރުކަށި ފިޔަވަޅުތައް އުވާލީ މިދިޔަ އަހަރު ޑިސެމްބަރު މަހުއެވެ. އެއާއެކު އެ ގައުމުގެ ބޯޑަރުވެސް ވަނީ ހުޅުވާލަފައެވެ. އޭގެ ފަހުން، ކޮވިޑުގެ އާ ވޭރިއަންޓެއް ފެނިފައެއް ނުވާ ކަމަށް ޗައިނާގެ ސައިންސްވެރިން ބުންޏެވެ. "އަޅުގަނޑުމެންގެ އެނަލިސިސް އިން ދައްކާ ގޮތުގައި ބެއިޖިންގައި މިހާރު ފެތުރެމުންދަނީ އޮމިކްރޯން ސަބް ވޭރިއަންޓްގެ ބަދަލުގައި ދެ ވައްތަރެއްގެ ސަބް ވޭރިއަންޓެއް، އަދި މުޅި ޗައިނާ ވެސް ހިމެނޭ" ދިރާސާގައި އިސްކޮށް އުޅުއްވި ސައިންސްވެރިޔަކު ވިދާޅުވިއެވެ. ޗައިނާގައި ކޭސްތައް އިތުރުވާން ފެށުމުން، ބަލިމަޑުކަމުގެ އިތުރު ބަލިމަޑުކަމެއް ކައިރިވެދާނެ ކަމުގެ ބިރު ވަނީ އުފެދިފައެވެ. ޗައިނާގެ ކަމާބެހޭ ފަރާތްތަކުން ކޮވިޑްގެ ކޭސްތައް ރިޕޯޓްކުރުމުގައި ދެފުށް ފެންނަ ގޮތެއް ނެތް ކަމަށް ބުނެ ބައެއް ގައުމުތަކުން ވަނީ ޗައިނާ ރައްޔިތުންނަށް ދަތުރުފަތުރުކުރުމުގައި ހަރުކަށި ފިޔަވަޅުތަކެއް އަޅާފައެވެ. ނަމަވެސް އަދަދުތައް ދަށަށް ދިއުމާއި ފާހަގަކޮށްލެވޭ ވޭރިއަންޓެއް ނެތުމުން އެ ޝައްކުތައް ކުޑަވާނެ ކަމަށް ބެލެވެއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ