މާލެ: 31°C

ޗައިނާ އަށް ބާރު ގަދަ ތޫފާނެއް، އެތައް ހާސް ބަޔަކު ސަލާމަތުގެ އައްސޭރިއަށް

July 18, 2023
2 ފަހަރު ބަލާފައި
ޗައިނާ އަށް ބާރު ގަދަ ތޫފާނެއް، އެތައް ހާސް ބަޔަކު ސަލާމަތުގެ އައްސޭރިއަށް
ޗައިނާ އަށް ބާރު ގަދަ ތޫފާނެއް، އެތައް ހާސް ބަޔަކު ސަލާމަތުގެ އައްސޭރިއަށް
ބާރުގަދަ ތޫފާން "ތަލިމް" އެރުމާއެކު ޗައިނާ އާއި ވިއެޓްނާމްގެ ދެކުނުގެ އެތައް ހާސް ބަޔަކު ރައްކާތެރި ސަރަހައްދުތަކަށް ގެންގޮސްފިއެވެ. ޗައިނާގެ ގުއާންޑޮންގް ޕްރޮވިންސްގެ އައްސޭރިފަށަށް ތޫފާން އަރާފައިވަނީ ހޯމަ ދުވަހުގެ ރޭއެވެ. އެ ތޫފާނުގައި ވިލާގަނޑުގައި ގަޑިއަކު 136.8 ކިލޯމީޓަރު (85 މޭލު) ބާރުމިނުގައި ވައި ޖެހޭނެއެވެ. ތޫފާނުގެ އަސަރުގެ ސަބަބުން ފެންބޮޑުވުމުގެ އިންޒާރުތައް ނެރެފައިވާއިރު، ކަމާބެހޭ ފަރާތްތަކުން ވަނީ ގެއްލުން ލިބުނު ސަރަހައްދުތަކުގެ އެތައް ސަތޭކަ ފްލައިޓަކާއި ރޭލުތައް ކެންސަލްކޮށްފައެވެ. ތޫފާން ތަލިމްގެ އަސަރު ގުއަންޑޮންގްއިން ފެށިގެން ހައިނާން ޕްރޮވިންސާ ހަމައަށް ދެކުނުގެ އައްސޭރިފަށުގައި ފެތުރިފައިވާއިރު، ތޫފާނުގެ އަސަރު ގަދަވެ ބޯކޮށް ވާރޭވެހި އިތުރު ގެއްލުންތަކެއް ވަނީ ލިބިފައެވެ. ދެވަނައަށް އެންމެ ބޮޑު އިންޒާރު ދޭ އޮރެންޖް އެލާޓް ނެރެފައިވާއިރު، ހޯމަ ދުވަހުގެ ހަވީރާ ހަމަޔަށް ގުއާންގްޑޮންގްއިން ގާތްގަނޑަކަށް 230،000 މީހުން ވަނީ ހުސްކޮށްފައެވެ. ތޫފާން، ދެކުނު ޗައިނާ ކަނޑުގެ ބެއިބޫ ގަލްފާ ދިމާލަށް ދަތުރުކުރާނެ ކަމަށް ލަފާކުރެވޭއިރު އަންގާރަ ދުވަހުގެ ހެނދުނު ގުއާންގްޝީ ޒުއާންގް އޮޓޮނޮމަސް ރީޖަންގެ އައްސޭރިފަށުގެ ސަރަހައްދަށް ދެވަނަ ފަހަރަށް ތޫފާން އަރާނެ ކަމުގެ އިންޒާރު ވަނީ ދީފަ އެވެ. ގުއާންގްޝީގެ ބައެއް ސަރަހައްދުތައް އަންގާރަ ދުވަހު ފެންބޮޑުވެދާނެ ކަމަށް ލަފާކޮށް ތައްޔާރުވެ ތިބުމަށް އިލްތިމާސްކޮށްފައިވެއެވެ. ވިއެޓްނާމްގެ ކަމާބެހޭ ފަރާތްތަކުން އިއްޔެ ބުނީ ކުއާންގް ނިންހް އާއި ހައި ފޮންގް ޕްރޮވިންސަށް އެންމެ ބޮޑަށް ގެއްލުންވާނެ ކަމަށް ލަފާކުރެވޭ ސަރަހައްދުތަކުން ގާތްގަނޑަކަށް 30،000 މީހުން ނެރެން ތައްޔާރުވަމުން އަންނަ ކަމަށެވެ. ވިއެޓްނާމްގެ ބޮޑުވަޒީރު ފާމް މިން ޗިންހް އާދީއްތަ ދުވަހުގެ ރޭ ފެންބޮޑުވެދާނެ ކަމުގެ އިންޒާރު ދެއްވައި ޑިޒާސްޓާ ރެސްޕޮންސް ޓީމުތަކަށް އަންގަވާފައި ވަނީ "ވަގުތުން މީހުން ސަލާމަތްކޮށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތްތަކަށް" ތައްޔާރުވުމަށެވެ. ޗައިނާގެ ދެކުނުގެ ގުއާންޑޮންގް އަދި ހައިނާންގެ އެތައް ސަތޭކަ ރޭލެއްގެ އިތުރުން ހޮންގްކޮންގްއާ ޖެހިގެން އޮންނަ މެޓްރޮޕޮލިސް ކަމަށްވާ ގުއާންޒޫ އާއި ޝެންޒެންއާ ދެމެދު ދުއްވާ ބާރު ސްޕީޑްގެ ރޭލުތައް ވެސް ހޯމަ ދުވަހު މެދުކަނޑާލާފައިވާ ކަމަށް ލޯކަލް ސާވިސް އޮޕަރޭޓަރުންނާ ހަވާލާދީ ޗައިނާގެ ރަސްމީ މީޑިއާ ޗައިނާ ޑެއިލީ އިން ބުނެފައިވެއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ