މާލެ: 31°C

ކެމްބޯޑިއާގެ އިދިކޮޅު ލީޑަރު 27 އަހަރަށް ޖަލަށް!

March 3, 2023
2 ފަހަރު ބަލާފައި
ކެމްބޯޑިއާގެ އިދިކޮޅު ލީޑަރު 27 އަހަރަށް ޖަލަށް!
ކެމްބޯޑިއާގެ އިދިކޮޅު ލީޑަރު 27 އަހަރަށް ޖަލަށް!
ކެމްބޯޑިއާގެ އިދިކޮޅު ލީޑަރު ކެމް ސޯކާ ގައުމަށް ގައްދާރުވި ކަން ސާބިތުވެފައިވާ ކަމަށް ކަނޑައަޅައި 27 އަހަރަށް ޖަލަށްލާން ހުކުމްކޮށްފިއެވެ. އެ ހުކުމާއެކު، މިހާރު އުވާލާފައިވާ ކެމްބޯޑިއާގެ ނޭޝަނަލް ރެސްކިއު ޕާޓީ (ސީއެންއާރްޕީ)ގެ ކުރީގެ ލީޑަރު ކެމް ސޯކާ އަށް ޖުލައި މަހު ބާއްވާ އިންތިހާބުގައި ވާދައެއް ނުކުރެވޭނެއެވެ. ބޮޑުވަޒީރު ހުން ސެންގެ ސަރުކާރު ވައްޓާލަން ބޭރުގެ ބާރުތަކާ ގުޅިގެން ރޭވި ކަމަށް ކުރާ ތުހުމަތުތައް އޭނާ ދޮގުކުރައްވައެވެ. ކެމްގެ ވަކީލުން ވިދާޅުވީ އޭނާގެ މައްޗަށް އިއްވާފައިވާ ގައްދާރުވުމުގެ ހުކުމް އިސްތިއުނާފު ކުރުމުގެ ވިސްނުން ގެންގުޅުއްވާ ކަމަށެވެ. ކެމްއަށް ހުކުމް އިއްވި ފަނޑިޔާރު ވިދާޅުވީ އޭނާ ގެންދަވަނީ އެހެން ގައުމުތަކުގެ ހިޔާލުތައް ހޯއްދަވަމުން ކަމަށާއި، ކެމް އުފައްދަވާފައިވާ އަމިއްލަ ޖަމިއްޔާއެއް ކަމަށްވާ ކެމްބޯޑިއާގެ އިންސާނީ ހައްގުތަކާ ބެހޭ މަރުކަޒު ބޭނުންކޮށްގެން އޭނާގެ ރޭވުންތައް ކުރިއަށް ގެންދިއުމަށް މަސައްކަތް ކޮށްފައިވާ ކަމަށެވެ. "ދައުވާ ލިބޭ އަމަލަކީ ރައްޔިތުންގެ އަމަންއަމާންކަމާއި ގައުމީ ސަލާމަތާއި ހަމަޖެހުމާއި ރައްޔިތުންގެ އުފަލަށް ބުރޫއަރާ ފަދަ ގާނޫނާ ހިލާފު އަމަލެއް،" ގާޒީ ވިދާޅުވިއެވެ. އޭނާއާ ދެކޮޅަށް ކުރި ހުކުމަށް އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމާއަތްތަކާއި ހުޅަނގުގެ ސަރުކާރުތަކުން ވަނީ ވަރަށް ބޮޑަށް ފާޑުކިޔާފައެވެ. ކެމް އެންމެ ފުރަތަމަ ހައްޔަރުކުރީ 2013 ވަނަ އަހަރުއެވެ. އެމެރިކާގެ ޑިމޮކްރަސީއަށް ތާއީދުކުރާ ޖަމާއަތްތަކުގެ ތާއީދު ލިބިފައިވާ ކަމަށް ބުނާ ވީޑިއޯއަކާ ގުޅިގެންނެވެ. އެމެރިކާގެ އެމްބަސީން ބުނީ އެ މައްސަލަ އަކީ ހަގީގަތާ ހިލާފު ރޭވުމެއްގެ މައްޗަށް ބިނާކޮށް ހުށަހަޅާފައިވާ މައްސަލައެއް ކަމަށާއި އެ ހުކުމަކީ އަދުލު އިންސާފު ގެއްލުވާލުމެއް ކަމަށެވެ. އދ.ގެ ހިއުމަން ރައިޓްސް ކޮމިޝަނަރު ވެސް ވަނީ ކޭމް ސޯކާ މިނިވަން ކުރުމަށް ގޮވާލައްވާފައެވެ. މިފަހަކަށް އައިސް ކެމްބޯޑިއާގައި ޑިމޮކްރެޓިކް އުސޫލުތައް "ހަލާކުވަމުން" ދާކަން އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމާއަތްތަކުން ވަނީ ފާހަގަކޮށްފައެވެ. ހިއުމަން ރައިޓްސް ވޮޗްގެ ޑެޕިއުޓީ އޭޝިއާ ޑިރެކްޓަރު ފިލް ރޮބަޓްސަން ވިދާޅުވީ، ކެމް ސޮކާގެ މައްޗަށް އުފުލާފައިވާ ދައުވާތަކަކީ ކެމްބޯޑިއާގެ ބޮޑު އިދިކޮޅު ލީޑަރު އެއްފަރާތްކޮށް ގައުމުގެ ޑިމޮކްރެޓިކް ނިޒާމު ނައްތާލުމަށް ބޮޑުވަޒީރު ހޫން ސެން ސިޔާސީ މަގްސަދެއްގައި މަކަރުވެރި ރޭވުމެއްގެ ދަށުން ކުރަމުން އަންނަ ކަމެއް ކަމަށެވެ. ކެމް ޖަލަށްލުމަކީ ހަމައެކަނި އޭނާގެ ސިޔާސީ ޕާޓީ ހަލާކުކޮށްލުމެއް ނޫން ކަމަށާއި އާންމު އިންތިހާބެއް ބޭއްވޭނެ ކަމުގެ އުއްމީދު ކަނޑާލުން ކަމަށްވެސް ހިއުމަން ރައިޓްސް ވޮޗުން ބުންޏެވެ. ކެމްބޯޑިއާގެ ކޯޓުތަކަކީ ބޮޑުވަޒީރު ހޫން ސެންގެ ބާރުގެ ދަށުގައި އޮތް ކޯޓުތަކެއް ކަމަށް ގިނަ ބަޔަކު ދެކެއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ