މާލެ: 31°C

ބޯޑަރުގައި ނުތަނަވަސްކަން އުފެދިފައި ވަނިކޮށް ޗައިނާގެ ޑިފެންސް މިނިސްޓަރު އިންޑިއާގައި

April 28, 2023
2 ފަހަރު ބަލާފައި
ބޯޑަރުގައި ނުތަނަވަސްކަން އުފެދިފައި ވަނިކޮށް ޗައިނާގެ ޑިފެންސް މިނިސްޓަރު އިންޑިއާގައި
ބޯޑަރުގައި ނުތަނަވަސްކަން އުފެދިފައި ވަނިކޮށް ޗައިނާގެ ޑިފެންސް މިނިސްޓަރު އިންޑިއާގައި
ސަލާމަތީ ސަމިޓުގެ މުހިންމު ބައްދަލުވުމެއްގައި ބައިވެރިވެވަޑައިގަތުމަށް ޗައިނާގެ ޑިފެންސް މިނިސްޓަރު ލީ ޝަންގްފޫ އިންޑިއާއަށް ވަޑައިގެންފިއެވެ. ލީ އިންޑިއާ އަށް ވަޑައިގެންފައިވަނީ މިފަހަކަށް އައިސް ދެ ގައުމުގެ ގުޅުން ވަރަށް ބޮޑަށް ހީނަރުވެފައި ވަނިކޮށެވެ. ލީ އިންޑިއާގެ ވެރިރަށް ދިއްލީގައި ވަޑައިގަންނެވީ ޝަންހާއީ ކޯޕަރޭޝަން އޯގަނައިޒޭޝަން (އެސްސީއޯ)ގެ ދިފާއީ ވަޒީރުންގެ ބައްދަލުވުމަކަށް ކަމަށެވެ. މިއީ 2020 ވަނަ އަހަރު ޗައިނާގެ ސިފައިންނާ އިންޑިއާގެ ސިފައިންނާ ދެމެދުގައި ހިނގި ނުރައްކާތެރި ހަމަނުޖެހުންތަކަށްފަހު ޗައިނާގެ ދިފާއީ ވަޒީރަކު އިންޑިއާއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ. އެ ހަމަނުޖެހުން ތަކުގައި އިންޑިއާގެ 20 ސިފައިންނާއި ޗައިނާގެ ހަތަރު ސިފައިން ވަނީ މަރުވެފައެވެ. އޭގެ ފަހުން ދެ ފަރާތުގެ ދެމެދުގައި ވަނީ އިތުރު ކުރިމަތިލުންތަކެއް ހިނގާފައެވެ. އެންމެ ފަހުގެ ހާދިސާ ހިނގާފައިވަނީ މިދިޔަ ޑިސެމްބަރު މަހު އިރުއުތުރުގައި އޮންނަ އަރޫނާޗަލް ޕްރަދޭޝް ސްޓޭޓްގެ ޓަވަންގްގައެވެ. މި މައްސަލަތަކުގެ އަސްލަކީ ހިމަލަޔާ ސަރަހައްދުން 3،440 ކިލޯމީޓަރު (2،100 މޭލު) ދިގު ދެމިގެން ދާ ދެބަސްވުމެވެ. ޗައިނާގެ ދިފާއީ ވުޒާރާއިން އަންގާރަ ދުވަހު ބުނީ ދިއްލީގައި ބާއްވާ މި ކޮންފަރެންސްގައި ލީ ތަގުރީރު ކުރައްވާނެ ކަމަށާއި، ބައިނަލްއަގްވާމީ އަދި ސަރަހައްދީ ހާލަތާއި ދިފާއީ އަދި ސަލާމަތީ ދާއިރާއިން އެއްބާރުލުން ދިނުމާ ގުޅޭ ކަންކަމުގައި މުއާމަލާތްކޮށް ހިޔާލު ބަދަލުކުރުމަށް ކަމާ ބެހޭ ގައުމުތަކުގެ ވަފުދުތަކުގެ އިސްވެރިންނާ ބައްދަލުކުރައްވާނެ ކަމަށެވެ. ލީ އާއި އިންޑިއާގެ ޑިފެންސް މިނިސްޓަރު ރާޖްނާތު ސިންގް އާ ދެމެދު ދިއްލީގައި ބައްދަލުވުމެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އެސްސީއޯގެ މުގައްރިރަކަށް އިންޑިއާ ވީ 2023 ވަނަ އަހަރުއެވެ. އެ ޖަމިއްޔާއަކީ 2001 ވަނަ އަހަރު ޗައިނާ، ރަޝިއާ އަދި މެދު އޭޝިއާގެ ހަތަރު ގައުމަކުން ގުޅިގެން ނޭޓޯ ފަދަ ހުޅަނގުގެ އިއްތިހާދުތަކުގެ ނުފޫޒު ކުޑަކުރުމުގެ ގޮތުން އެޅި ފިޔަވަޅެކެވެ. އިންޑިއާ އާއި ޕާކިސްތާން މި ގްރޫޕާ ގުޅިފައިވަނީ 2017 ވަނަ އަހަރުއެވެ. ދިއްލީގައި ބާއްވާ މި ބައްދަލުވުމުގައި ރަޝިއާގެ ޑިފެންސް މިނިސްޓަރު ސަރްގޭ ޝޯއިގޫ ވެސް ބައިވެރިވެވަޑައިގަންނަވާއިރު، ޕާކިސްތާނުގެ ޑިފެންސް މިނިސްޓަރު ހަވާޖާ އާސިފް ވެސް ވާޗުއަލްކޮށް ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ބެލެވެއެވެ.  

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ