މާލެ: 31°C

ބިންހެލުމަށް ފަހު، ސޫރިޔާއަށް ކޮލެރާގެ ނުރައްކާ ބޮޑުވެއްޖެ

February 13, 2023
2 ފަހަރު ބަލާފައި
ބިންހެލުމަށް ފަހު، ސޫރިޔާއަށް ކޮލެރާގެ ނުރައްކާ ބޮޑުވެއްޖެ
ބިންހެލުމަށް ފަހު، ސޫރިޔާއަށް ކޮލެރާގެ ނުރައްކާ ބޮޑުވެއްޖެ
މިމަހުގެ ހަވަނަ ދުވަހު ތުރުކީއާއި ސޫރިޔާއަށް އައި ބާރުގަދަ ބިންހެލުން ތަކުގެ ސަބަބުން ސޫރިޔާގެ އެތައް ބަޔަކު ހާލުގައި ޖެހިފައި ވަނިކޮށް، ނުރައްކާތެރި ބޭރަށްހިންގުމެއް ކަމަށްވާ ކޮލެރާ ފެތުރޭ މިންވަރު އިތުރުވެ ހާލަތު ގޯސްވެދާނެ ކަމުގެ އިންޒާރު ކަމާ ބެހޭ މާހިރުން ދީފި އެވެ. ސޫރިޔާގައި ކޮލެރާ ފެތުރެން ފެށީ މިދިޔަ އަހަރު އެވެ. ކޮލެރާ ފެތުރި، ހާލަތު އިތުަރަށް ގޯސްވެދާނެކަމުގެ އިންޒާރުތައް ދީފައި މިވަނީ ސޫރިޔާގެ އިދިކޮޅު ފަރާތްތަކާއި ސަރުކާރުގެ ބާރުގެ ދަށުގައިވާ ސަރަހައްދުތަކުގައި މީހުން ސަލާމަތްކުރުމުގެ މަސައްކަތް ހުއްޓާލާފައިވާ ދަނޑިވަޅެއްގައެވެ. އާދީއްތަ ދުވަހާ ހަމައަށް ބިންހެލުމުގައި ތުރުކީން މަރުވި މީހުންގެ އަދަދު 35،000 އަށް ވުރެ މައްޗަށް އަރާފައިވާއިރު، ސީރިއާގައި 4،500 މީހުން ވަނީ މަރުވެފައެވެ. ސޫރިޔާގައި ހުންނަ އދ.ގެ ކުޑަކުދިންގެ ފަންޑު (ޔުނިސެފް)ގެ ޗީފް އޮފް ކޮމިއުނިކޭޝަންސް އީވާ ހައިންސް ވިދާޅުވީ، މި ކާރިސާގެ ސަބަބުން 5.3 މިލިއަން މީހުން ގެދޮރު ގެއްލިފައިވާ ކަމަށް އަންދާޒާކުރެވިފައިވާ ކަމަށެވެ."ބިންހެލުމުގެ ކުރިން  ކާބޯތަކެތި ލިބުމުގެ މައްސަލަތަކާއި، ސިއްހީ ނިޒާމުތައް ފުނޑުފުނޑުވުމާއި، ރައްކާތެރި ފެން ނުލިބުމާއި ނަރުދަމާގެ ނިޒާމު ދަށްވުމުގެ މައްސަލަ ވަނީ ދިމާވެފައި" އީވާ ވިދާޅުވި އެވެ. "ސޫރިއާގެ ދެބައިކުޅަ އެއްބަޔަށްވުރެ ގިނަ މީހުން ބަރޯސާވަނީ އެމީހުންގެ ފެނަށް ބޭނުންވާ ކަންކަމުގައި ނުރައްކާތެރި އެހެން ފެނުގެ ވަސީލަތްތަކަށް. އަދި އެކަމުގެ ސަބަބުން ހަލުވިކަމާއެކު ފެތުރެމުންދާ ކޮލެރާ ފަދަ ފެނުގެ ޒަރިއްޔާއިން ޖެހޭ ބަލިތަކުގެ ނުރައްކާ އިތުރުވޭ،" އަލްޖަޒީރާއަށް ދިން އިންޓަވިއުއެއްގައި އޭނާ ވިދާޅުވިއެވެ. މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ސީރިޔާ ސަރުކާރުން ވަނީ ކޮލެރާ ފެތުރެމުންދާކަން އިއުލާނުކޮށްފައެވެ. ކޮލެރާއަކީ ބެކްޓީރިއާއިން ތަގައްޔަރުވެފައިވާ ކާބޯތަކެތި ނުވަތަ ފެން ބުއިމުގެ ސަބަބުން ޖެހޭ ޑައިރިއާ އިންފެކްޝަނެކެވެ. ހާއްސަކޮށް ކުޑަކުދިންނަށް މި ބައްޔަކީ ނުރައްކާތެރި ބައްޔަކަށް ވެދާނެއެވެ. އެ ބަލި ފެތުރުމުގެ މައިގަނޑު ސަބަބަކީ ހަނގުރާމައިގެ ސަބަބުން ހަލާކުވެފައިވާ ފެނުގެ އިންފްރާސްޓްރަކްޗާގެ ސަބަބުން އެގައުމުގެ އިރުއުތުރުގައި އޮންނަ ޔޫފްރެޓިސް ކޯރުން ތަޣައްޔަރުވެފައިވާ ފެން ހުރި ދަނޑުތަކަށް މީހުން ފެން ބޯން މަޖުބޫރުވުމެވެ. ޖެނުއަރީ މަހުގެ 18 ވަނަ ދުވަހާ ހަމައަށް އެގައުމުން ކޮލެރާއަށް ޝައްކުކުރެވޭ 77،500 މީހުންގެ ތެރެއިން ގާތްގަނޑަކަށް ދެބައިކުޅަ އެއްބައި މީހުން ތިބީ ހުޅަނގު އުތުރު ސަރަޙައްދުން ކަމަށް އދ.ގެ އޮފީސް ފޯ ދަ ކޯޑިނޭޝަން އޮފް ހިއުމެނިޓޭރިއަން އެފެއާޒް (އޯސީއެޗްއޭ) އިން ހާމަކޮށްފައިވާއިރު، 18 އިންސައްތަ މީހުން ފެނިފައިވަނީ ގެދޮރު ގެއްލިފައިވާ މީހުންގެ ކޭމްޕުތަކުންނެވެ. އަދި ސީރިއާގެ ހުޅަނގު އުތުރުގައި 2.1 މިލިއަނަށްވުރެ ގިނަ މީހުން ދިރިއުޅެނީ "ކޮލެރާ ފެތުރުމުގެ އެންމެ ނުރައްކާ ބޮޑު ސަބްޑިސްޓްރިކްޓްތަކުގައި" ކަމަށް އޯސީއެޗްއޭ އިން ބުނެއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ