މާލެ: 31°C

ބައިޑެން، ދެވަނަ ދައުރަކަށް ކުރިމަތިލައްވަނީ

April 26, 2023
2 ފަހަރު ބަލާފައި
ބައިޑެން، ދެވަނަ ދައުރަކަށް ކުރިމަތިލައްވަނީ
ބައިޑެން، ދެވަނަ ދައުރަކަށް ކުރިމަތިލައްވަނީ
އެމެރިކާގެ ރައީސް ޖޯ ބައިޑަން 2024 ވަނަ އަހަރު ބާއްވާ އިންތިހާބުގައި ވާދަކުރައްވާނެ ކަމަށް އިއުލާން ކުރައްވައިފިއެވެ. ޖޯ ބައިޑެންގެ ރަނިންމޭޓަކަށް އަނެއްކާވެސް ވާނީ ނައިބް ރައީސް 58 އަހަރުގެ ކަމަލާ ހާރިސްއެވެ. އުމުރުން 80 އަހަރުގައި އެމެރިކާގެ ތާރީހުގައި މިހާރުވެސް އެންމެ ދުވަސްވީ ރައީސްގެ މަގާމުގައި ހުންނެވި ބައިޑަން އަށް ކެމްޕޭން ތެރޭގައި އޭނާގެ އުމުރާ މެދު ސުވާލުތަކެއް ކުރިމަތިވުން އެކަށީގެންވެއެވެ. ކެންޑިޑެސީ އިއުލާން ކުރެއްވިތާ މާގިނަ އިރުތަކެއް ނުވެ ވޮޝިންޓަން ޑީސީގައި ޔޫނިއަންގެ މަސައްކަތްތެރިންނާ މުހާތަބު ކުރައްވައި އެމެރިކާގެ އިގްތިސާދު އަލުން އާލާކޮށް އިންފްރާސްޓްރަކްޗާ ގާނޫނުތައް ފާސް ކުރުމަށް ކުރައްވާ މަސައްކަތްތަކަށް އަލިއަޅުވާލެއްވިއެވެ. https://twitter.com/JoeBiden/status/1650801827728986112 ބައިޑަން ދެއްކެވި ވާހަކަފުޅުގައި "މިއީ ވަޒީފާ ނިންމާލަންވީ ވަގުތު" މި ޝިއާރު ބޭނުންކުރައްވައި، ދެވަނަ ދައުރެއް ކާމިޔާބު ކުރައްވައިފިނަމަ އިތުރު ކަންތައްތަކެއް ކުރައްވާނެ ކަމަށް ވައުދުވެވަޑައިގެންނެވިއެވެ. މީގެ ކުރިން 2020 ވަނަ އަހަރު ޓްރަމްޕާ ދެކޮޅަށް ކުރިމަތިލެއްވި އިރު، ރިޕަބްލިކަން ޕާޓީގެ ކެންޑިޑޭޓް ބަލިކުރެއްވީ "އެމެރިކާގެ ފުރާނަ އަލުން އަނބުރާ ގެނައުމަށް" ވައުދުވެވަޑައިގެންނެވެ. އަދި ބައިޑަންގެ ކާމިޔާބީ ފުނޑުފުނޑުކޮށްލަން މަސައްކަތް ކުރަމުން ދިޔަ ޓްރަމްޕްގެ ސަޕޯޓަރުން އެމެރިކާގެ ކެޕިޓަލްއަށް 2021 ވަނަ އަހަރު ދިން ހަމަލާއަށް ވެސް އިއުލާން ކުރި ވީޑިއޯގައި އިޝާރާތްކޮށްފައިވެއެވެ. އަންނަ އަހަރުގެ އިންތިހާބުގައި ވާދަކުރައްވާނެކަން ޓްރަމްޕްވެސް ވަނީ އިއުލާން ކުރައްވާފައެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ