މާލެ: 31°C

ބޭސް ފަރުވާއަށް ސަލާންޖަހައި ކުރާ އާދޭސް- ހިތްފަޅައިގެންދާވަރުވޭ

September 10, 2024
30 ފަހަރު ބަލާފައި
ބޭސް ފަރުވާއަށް ސަލާންޖަހައި ކުރާ އާދޭސް- ހިތްފަޅައިގެންދާވަރުވޭ
ބޭސް ފަރުވާއަށް ސަލާންޖަހައި ކުރާ އާދޭސް- ހިތްފަޅައިގެންދާވަރުވޭ
ސޯޝަލް މީޑިއާ ހުޅުވާލާ ކޮންމެ ފަހަރަކު ބޭސްފަރުވާއަށް އެހީއަށް އެދި މީހަކު ކުރާ އަދޭސް ނުފެންނަ  އެންމެ ދުވަހެއްވެސް  ނުދެއެވެ. މިފަދަ ޕޯސްޓް ތަކުގެ ތެރޭގައި މަދުންނަމަވެސް ސްކޭމްތައް އެކުލެވޭލޭތީ މިގޮތަށް ފެނުނު ޕޯސްޓްތަކުގެ ހަގީޤަތް ބަލާލީމެވެ. މުޅީންވެސް މިއީ ނިކަމެތި ހާލާހެދި ބޭސް ފަރުވާއަށް ނުދެވި އެހީތެރިކަމަށް ބޭނުންވެފައިވާ ފަރާތްތައްކަން ޔަޤީންކުރެވުނެވެ. އަދި މިފަދައިން މި ޕޯސްޓްތައް ކުރަން ލަދުގަންނަ ނުވަތަ ސޯޝަލް މީޑިއާގައި ޕޯސްޓްކުރަން ނޭނގޭ ކިތަންމެ މީހުންވެސް އުޅޭނެކަން ޔަޤީނެވެ. މިފަދައިން ފެންނެ ގިނަ ޕޯސްޓްތަކުން ފެންނަނީ ބޮޑެތި ބަލިތަކަށް ބޭސްކުރަންޖެހި ގިނަ ދުވަހަށް މާލެގައި ނުވަތަ ދިވެހިރާއްޖެއިން ބޭރުގައި އެޅެންޖެހުމުން މިތަންތަނަށް ގޮސް ހުންނާނެ ހަރަދުތަކަށް ބޭނުންވާ ފައިސާ ހޯދުމަށް އެދި ކުރާ އާދޭސްތަކެވެ. ކެންސަރު ބައްޔަށް ފަރުވާ ކުރާ މީހާ ދޭންޖޭ ރޭޑިއޭޝަން ސެޝަންތަކަށް އިންޑާއިގައި ހުންނާނެ ގޮތެއް ނެތިގެން ކުރާ އާދޭހެވެ. ތުއްތު ދަރިފުޅުގެ ކުރަންޖެހޭ ބޮޑު އޮޕަރޭޝަނަކަށާއި، އެކަމަށް ގޮސް ރާއްޖޭން ބޭރުގައި ހުންނަ މުއްދަތަށް ޚަރަދު ކުރާނެ ގޮތް ނެތިގެން ކުރާ އާދޭހެއެވެ. މިހެންގޮސް އެތައް ބައިވަރު ކަންކަމަވެ. ދައުލަތުން އާސަންދަ ދެއެވެ. ރަށްރަށުން ނުކުރެވޭ ފަރުވާއަށް މާލޭގެ ހޮސްޕިޓަލްތަކުން އާސަންދަ ހަމަޖައްސައިދެއެވެ. އަދި ކަނޑައެޅިފައިވާ އުސޫލެއްގެ ތެރެއިން  ދިވެހިރާއްޖެއިން ނުކުރެވޭ ކަންކަމުގައި ދިވެހިރާއްޖެއިން ބޭރުން ބޭސް ފަރުވާކުރެވޭނެ ގޮތް ހަމަޖައްސައި ދީފައިވެއެވެ. އެހެންނަމަވެސް ހަޤީގަތަކީ ދައުލަތުން ހަމަޖައްސައިދޭ އާސަންދަ ސްކީމްގެ ދަށުން ކަވަރުކޮށްދޭ ސިއްޙީ ބިލްތަކަށް އެކަނި ފައިސާ ދައުލަތުން ދައްކައިދިންނަމެވެސް ނިކަމެތި މީހާއަށް ދެން އެ ބޭސް ފަރުވާ ކުރުމަށް ރަށުން މާލެ އައިސް ނުވަތަ ރާއްޖެއިން ބޭރުގައި ހުންނަންޖެހޭ އިރު ހަރަދުކުރާނެ ފައިސާ ހަމަޖެހިފައި ނުހުންނަކަމެވެ. ތަކެތީގެ އަގުބޮޑުވެ ގައުމުގެ އިގްތިސާދު މިވަނީ  އަނދަވަޅަކަށް ވެއްޓިފައެވެ. އަދާ ކުރާ ވަޒީފާއަކުން ނުވަތަ ކުރާ އަމިއްލަ ކުދި ކުދި މަސައްކަތުން ދިވެހީންގެ ތެރެއިން ގިނަ މީހުންނަށް ދިރިއުޅުމުގެ ޚަރަދުތައް ދެކޮޅު ނުޖެއްސެއެވެ. އެހެންކަމުން ތިމާ އަމިއްލައަށް ނުވަތަ އާއިލާ މީހަކު ބަލިވެއްޖެނަމަ ހަދާނެ ގޮތް އޮންނަނީ ހުސްވެފައެވެ. މިހާރު ސަރުކާރުން އެންމެ ބާރަށް ކުރަމުންދާ މަސައްކަތަކީ އާސަންދަ ރިފޯމް ކުރުމުގެ މަސައްކަތެވެ. އިދާރާތަކުން ބުނަމުން އަންނަނީ އާސަންދައިގެ ނިޒާމު މިހާރު އޮތް ގޮތަކީ އިސްރާފް ބޮޑު، އަދި ދައުލަތައް އެހާމެ ބުރަ ބޮޑު ގޮތަކަށް ހަމަޖެހިފައިވާ ގޮތެއްކަމަށެވެ. އަދި މިހާރު އެންމެ ބާރަށް ދެކެވެމުންދާ ވާހަކައަކީ ކުރިން އާސަންދަ ހަމަޖެހޭހާ ފަސޭހައިން އެކަން ނުވާކަމެވެ. ދައުލަތުގެ ސިޔާސަތުތައް ބައްޓަންކުރާ މުވައްސަސާ ތަކުގައި ތިބޭ ގިނަ މީހުންނަކީ ދައުލަތުގެ އެކި އެކި އިންޝުއަރެންސް ސްކީމްތަކުން ބޭސްފަރުވާގެ ހަރަދުތައް ކަވަރުވެފައި ތިބިމީހުންނެވެ. އެވެސް ދުނިޔޭގައި ކުރިއަރާފައި ތިބި ގައުމުތަކުންނެވެ. އެހެންނަމަވެސް ދިވެހިރާއްޖޭގެ ގިނަ ރައްޔިތުން ދިރިއުޅުމުންދާ އަތޮޅުތަކުގައި މަލްޓި- ސްޕެޝާލިޓީ ހޮސްޕިޓަލެއް ކީއްކުރަންތޯ އެވެ. ހޮސްޕިޓަލެއްވެސް ނެތެވެ. ރަށްފުށުގައި ދިރިއުޅޭ މީހަކު ބަލިވެގެން މާލެ އައުމާއި މާލޭގައި ހުންނަށް ކުރަން ޖެހޭ ޚަރަދު އަވަށްޓެރި ގައުމަކަށް ދިއުމާއި އެ ގައުމުގައި ހުރުމަށް ކުރަންޖެހޭ ޚަރަދަށްވުރެ އެތައް ތަނެއް ބޮޑެވެ. ސިޔާސަތުތައް ކަނޑައަޅަން ތިބި ފަރާތްތަކުން ފުންކޮށް ވިސްނަވާށެވެ. ތިބާއާއި ތިބާގެ އާއިލާގެ މެންބަރަކަށް ރަށުން ކުރެވެން ނެތް ބޭސް ފަރުވާ ކުރުމަށް މާލެ ނުވަތަ ރާއްޖެއިން ބޭރަށް ދާންޖެހޭއިރު ހަމައެކަނި ހޮސްޕިޓަލް ޚަރަދު ނުވަތަ ހޮސްޕިޓަލް ޚަރަދުން ބައެއް ލިބޭނެ ފަދަ ލިޔުމެއް ހިފައިގެން މާލެ އައިސް ނުވަރަ ބޭރަށް ގޮސް ހުރުމާއި އެހެނިހެން ކަންކަން ހަމަޖައްސާނީ ކިހިނަކުންތޯއެވެ. ބަލިވެ ބޭސްފަރުވާ ނުކުރެވިގެން ސޯޝަލް މީޑިއާގައި ޕޯސްޓްތައް ޖެހުމަކީ އެއްވެސް މީހަކު ކުރަން ބޭނުންވާނެ ކަމެއް ނޫނެވެ. ދައުލަތުން ދޭ ސަބްސިޓީ ތަކާއި ސޯޝަލް ސެކިއުރިޓީ ގެ ނިޒާމު ހަރުދަނާ ކުރާއިރު ބަލި މީހުންނާއި ނިކަމެތިންނަށް އެކަމުގެ އަސަރު އެއްމެ ކުޑަވާނެ ގޮތަކަށް އަދި އެފަރާތްތަކަށް ފުރިހަމަ ހައްލެއް ލިބޭނެ ގޮތަކަށް އެކަން ކުރުމަކީ މުހިއްމު ކަމެއްކަން މިއޮތީ ފެންނާށެވެ. އެހެންކަމުން ބޭސްފަރުވާގެ ނިޒާމު ރިފޯމު ކުރުމުގެ ތެރެއިން ކުރަންވީ ކަމަކީ ހަމައެކަނި ދައުލަތަށް ހަރަދުކުޑަވާނެ ގޮތެއް ހޯދުމުގެ ބަދަލުގައި  ރައްޔިތުން ބޭސްފަރުވާއަށް އެދި ކުރަންޖެހޭ އާދޭސްވެސް ހުއްވޭނެ ގޮތަކާމެދުގައި ވިސްނައި އެކަމަށްވެސް ހައްލު އެ ރިފޯމުގެ ތެރެއިން ހޯދައިދިނުމެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ