މާލެ: 31°C

ބޭންކު ތައް ދަށުވެ އެތައް ބަޔަކު ބިކަވަނީ!

September 5, 2024
4 ފަހަރު ބަލާފައި
ބޭންކު ތައް ދަށުވެ އެތައް ބަޔަކު ބިކަވަނީ!
ބޭންކު ތައް ދަށުވެ އެތައް ބަޔަކު ބިކަވަނީ!
ސިވިލް ކޯޓުން މިއަހަރުގެ މިހާތަނަށް ނިންމާފައިވާ މައްސަލަތަކުގެ 33 ޕަސެންޓަކީ ބޭންކުތަކާ ގުޅުންހުރި މައްސަލަތަށް! ދިރިއުޅުމުގެ ބޭނުންތައް ހަމަޖެއްސުމަށްޓަކައި ފައިސާއަކީ ކޮންމެ މީހަކަށްވެސް އެންމެ ޒަރޫރީ އެކައްޗެވެ. ދިވެހިންގެ ދިރިއުޅުމުގެ އާދަތައް ބައްޓަންވެފައި ހުންނަގޮތުން އާންމު ދިވެއްސެއްގެ އާމްދަނީގެ އެއްވެސް މިންވަރެއް ދިރިއުޅުމުގެ ޒަރޫރީ ކަންކަން ހަމަޖެއްސުމަށްފަހު ބާކީއެއް ނުކުރެވެއެވެ. އެހެންކަމުން ކިރިއާވެސް ބޮޑު ޚަރަދެއް ކުރަންޖެހޭ ކޮންމެ ފަހަރަކު އިތުރު ފައިސާއަށް ބޭނުންވެއެވެ. ރާއްޖޭގެ ބޭންކިން ނިޒާމުގެ ތެރެއިން އެފަދަ ފަރާތްތކަށް ނުހަނު ފަސޭހަ ކަމާއެކު ލޯނު ލިބޭނެ އިންތިޒާމްތައް ހުރީ ހަމަޖެހިފައެވެ. އެއްވެސް ތަކުލީފަކާ ނުލާ ވަޒީފާއެއްގައި އުޅޭ ކޮންމެ ފަރާތަކަށް ލުއި ލޯނާ، ލުއި އެކްސްޕެރެސް އަދި މިހެން ގޮސް ވަރަށް ގިނަ ސްކީމްތައް ހުރީ ލިބޭނެ އިންތިޒާމް ތައް ހަމަޖައްސާފައެވެ. އަދި ހަމަ އެފަދައިން ވަޒީފާގައި އުޅޭ ފަރާތްތަކަށް ނުހަނު ފަސޭހަ ކަމާއެކު ކްރެޑިޓް ކާޑުވެސް ދަނީ ފޯރުކޮށްދެމުންނެވެ. އެހެންކަމުން ލިބޭ އާއްމަދަނީއިން ނުކުރެވޭ ކަންކަން ކުރަން ބޭންކާ ދިމާލަށް ނުގޮސްވާން ނޯންނާތީ އަޅުގަނޑުމެންގެ ތެރެއިން ވަރަށް ގިނަ މީހުންނަކީ ބޭންކުގެ ކޮންމެވެސް ލޯނެއް ބޮލުގައި އަޅަން ޖެހިފައިވާ މީހެކެވެ. ނުވަތަ ކުރެޑިޓް ކާޑުން ބޭންކުގެ ފައިސާ ކުރެޑިޓަށް ބޭނުންކުރަންޖެހިފައިވާ މީހެކެވެ. މިފަދައިން ނަގާފައި ހުންނަ ބޭންކުގެ ލުއި ލޯނުތަކަކީ ވަޒީފާގައި އުޅޭ ފަރާތްތަކަށް ޖަމާވާ މުސާރައިން އިންސްޓޯލްމަންޓް ކެނޑޭގޮތަށް ދޫކޮށްފައި ހުންނަ ލޯނުކަމުން ދެން އެފަރާތްތަކުން ޖެހެނީ މުސާރައިން ބޭންކަށް ކަނޑާފައި އޮންނަ ބައިން ދިރިއުޅުމުގެ އެހެނިހެން ކަންކަން ހަމަޖައްސާލާށެވެ. އަދި ހަމަ އެގޮތަށް ކުރެޑިޓް ކާޑުގެ ބޭނުން ކޮށްފައި ތިބޭ ފަރާތްތަކުން އެ ބޭނުންކުރި އަދަދު އެއްކޮށް ބޭންކަށް ނުދައްކާ ނަމަ ބޭންތަކުން ބޮޑު އަދަދުން އިންޓްރެސްޓް ނަގަމުންދެއެވެ. އެހެންކަމުން ކްރެޑިޓް ކާޑުން ބޭނުންކުރި ފައިސާ ގެ އަދަދަށް އެއްވެސް ބަދަލެއް ނައިސް އެމީހާ ކްރެޑިޓް ކާޑަށް ދައްކަންޖެހޭ ފައިސާ އިތުރުވެގެންދެއެވެ. މިފަދައިން ލުއިލޯނާ ކުރެޑިޓް ކާޑް ބޭނުންކޮށްފައިވާ ފަރާތަކަށް އެއްވެސް ސަބަބަކާހެދި މުސާރަ ލިބުން ހުއްޓިއްޖެނަމަ އެހާ ހިސާބުން އެމީހަކަށް އެ ދަރިނިން ސަލާމަތް ވުމަކީ ނުހަނު އުނދަގޫ ކަމަކަށް ވެއެވެ. ބޭންކުތަކުން ލުއި ލޯނުތަކާއި ކްރެޑިޓް ކާޑް ދޫކުރުމުގައި ލުއި ގޮތްތައް ހަމަޖައްސާދީފައި ހުރިނަމަވެސް ބޭންކަށް އެފައިސާ ދައްކުމުށް ލުއި ގޮތްތަކެއް ހަމަޖައްސާދީފައެއް ނުހުރެއެވެ. އަދި ކުރެޓިޓް ކާޑު ނަގާފައި ތިބޭ ގިނަ މީހުންނަށް އެކާޑުގެ ރީޕެމަންޓް ޕޮލިސީ އޮންނަ ގޮތްވެސް ނޭނގޭކަން ފާހަގަކުރަމެވެ. ނަމަވެސް އެކަމަކީ ބޭންކުގެ މައްސަލައެއް ނޫނެވެ. ކާޑަށް އެދި ހުށަހަޅާ ފޯމު ތަކުގައި އެވާހަކަށް ލިޔެފައި ހުރެއެވެ. ނަމަވެސް ކާޑު ބޭނުންވެގެން ފޯމު ހުށަހަޅާ ފަރާތްތަކުން ފަރުވާ ކުޑަކޮށްލުމުން އެކަން އޮންނަ ގޮތް ނޭނގި އޮންނަނީއެވެ. ބޭންކުތަކަކީ އުސޫލު ތަކެއްގެ މަތިން ކަންކަން ތަރުތީބުވެގެން ހިންގާ ތަންތަނަށް ވުމުން ލޯނުތަކާއި ކުރެޑިޓް ކާޑް ތަކުގެ ރީ-ޕޭމަންޓް ނުލިބުމުން އެ ބޭންކުތަކުން ހަމަޖައްސާފައި އޮންނަ އުސޫލުތަކުގެ ތެރެއިން އެ ފައިސާ ހޯދުމަށް ހުށަހަޅަނީ ސިވިލް ކޯޓަށެވެ. އެހެންކަމުން ސިވިލް ކޯޓުގެ ވެބްސައިޓުން ލިބެންހުރި އެ ކޯޓުން މިއަހަރު ނިންމާފައިވާ މައްސަލަތަކުގެ ތަފާސް ހިސާބުތަކަށް ބަލާލީމެވެ. ކަމަކުދާކަށްނެތެވެ. ފެނުނީ ދިވެހިން ބޭންކުތައް ދަށުވެ ގޮތްހުސްވެފައިވާ ތަނެވެ. ސިވިލް ކޯޓުން މިއަހަރުގެ މިހާތަނަށް 3100 މައްސަލަ ނިންމާފައިވާއިރު އޭގެ ތެރެއިން 1031 މައްސަލައަކީ ބޭންކުތަކާ ގުޅުންހުރި މައްސަލަތަކެވެ. ޕަސެންޓޭޖުން ބަލާނަމަ މިއަހަރު މިހާތަނަށް ކޯޓުން ނިންމާފައިވާ މައްސަލަތަކުގެ 33 ޕަސެންޓަކީ ބޭންކުތަކާ ގުޅުންހުރި މައްސަލަތަކެވެ. އެހެންކަމުން ސިވިލްކޯޓުން އެވެރެޖުކޮށް ރަސްމީ ކޮންމެ ދުވަހަކު ބޭންކުތަކާ ގުޅުންހުރި 7 މައްސަލައިގެ ހުކުމް ދަނީ ކުރަމުންނެވެ. އިތުރަށް ވަކިވަކި ބޭންކުތަކަށް ބަލާއިރު މިދެންނެވި 1031 މައްސަލާގެ ތެރެއިން 797 މައްސަލަ އަކީ ބޭންކް އޮފް މޯލްޑިވްސް އާއި ގުޅުންހުރި މައްސަލަކަން ފާހަނގަ ކުރެވެއެވެ. އަދި ހަމަ އެ މުއްދަތުގައި އެކޯޓުން ނިންމާފައިވާ، ބޭންކުތަކާ ގުޅުންހުރި މައްސަލަތަކުގެ ތެރެއިން 77 މައްސަލައަކީ ކްރެޑިޓް ކާޑާ ގުޅުންހުރި މައްސަލަތަކެވެ. މިފަދަ ގިނަ މައްސަލަތަކަކީ ކުދިކުދި ލޯނުތައް ނަގައި އެ ނުދެއްކިގެން ބޮޑެތި އަދަދު ތަކުން ދަރަނިވެރިވެފައިވާ މައްސަލަތަކެވެ. މި ގޮތުން 25 ހާސް ރުފިޔާ ގެ ލޯނު ނެގި މީހާ އެ ލޯނުގެ ބޮޑުބައި ދައްކާފަހުން ބާކީ ނުދެއްކި ދިގުލައިގެންގޮސް ދައްކަންޖެހޭ އަދަދު ލައްކައިން 2 ދެލައްކައިން އަރައި އެއްމެފަހުން ބޭންކުން ކޯޓަށް ދިއުމުން ދެފަރާތުގެ އެއްބަސްވުމާ އެއްގޮތަށް އެފައިސާ ދެއްކުމަށް ކޯޓުން ހުކުމް ކުރުމުން އެމީހާ ދެން ހަދާނީ ކިހިނެއްތޯއެވެ؟ އަދި އަގު ބޮޑެތި މުދަލާއި ބިން މޯގޭޖް ކުރުމަށްފަހު ލޯނު ނަގާ ފަރާރްތަކުންވެސް ކޮންމެވެސް ސަބަބަކާހުރެ އެ ލޯނު ދައްކައި ޙަލާސް ނުކުރުމުންވެސް ބޭންކުތަކުން ދާތަން މިފެންނަނީ ކޯޓު ތަކަށެވެ. އެހެންކަމުން ބޭންކުތަކުން ލޯނުތައް ނަގާ ފަރާތްތަކުން އެ ލޯނު ދައްކާނެ ގޮތުގެ ޕްލޭނެއް އެކުލަވާލައި އެ ލޯނަކީ އެ ނެގި ފަރާތާއި ޢާއިލާ ބިކަވާނެ އެއްޗަކަށް ނެހެދުމަށް ވިސްނައިގެން ކުރިއަށް ދިއުމަކީ މުހިއްމު ކަމެއްކަމެއް ކަމުގައި ދެކެމެވެ. އަދި ހަމަ އެހެންމެ ރާއްޖޭގެ އާބާދީގެ ނިސްބަތަށް ބަލާއިރު މާލޭގެ އެންމެ ކޯޓެއްގެ ތަފާސް ހިސާބު ތަކަށް ބަލާލުމުން ބޭންކުތަކުން ލޯނު ދޫކުރުމުގައްޔާއި ރީ ޕޭމަންޓް ޕޮލިސީގައި ވިސްނާލަންޖެހޭ ކަންކަން ހުރިކަން ފާހަގަކުރެވެއެވެ. އެހާ ގިނަ ބަޔަކު ދަރަނިވެރިވަނީ ކީއްވެތޯ ކޮންކަމެއް ކިހިނެއް އޮތީމަތޯ ވިސްނާލަންޖެހޭކަމަށް ދެކެމެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ