މާލެ: 31°C

އަރަތެއް: ހަށިވިއްކާ ތަންތަން އެބަހުރި، އެކަމަކު އެތަންތަން ބަނދެން ނުކުރެވޭ!

February 27, 2024
3 ފަހަރު ބަލާފައި
އަރަތެއް: ހަށިވިއްކާ ތަންތަން އެބަހުރި، އެކަމަކު އެތަންތަން ބަނދެން ނުކުރެވޭ!
އަރަތެއް: ހަށިވިއްކާ ތަންތަން އެބަހުރި، އެކަމަކު އެތަންތަން ބަނދެން ނުކުރެވޭ!

ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީން ދާދި ފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ރިޔާސަތުގައި އިންނެވީ ސީދާ މިނިސްޓަރެވެ. އެބައްދަލުވުމުގައި ލައިވް މީޑިޔާގައި ވިދާޅުވެފައިވާ ގޮތުގައި ރާއްޖޭގައި ސްޕާ އާއި ސެލޫނުގެ ނަމުގައި ހަށިވިއްކާ ތަންތަން ސަތޭކައިން މަތީގެ އަދަދުތައް އިއްވިއެވެ. އެއީ އެހާތަނަށް ހޯދި ހޯދުންތަކުން ކަށަވަރުވެފައިވާ ތަންތަން ކަމަށްވެސް އެ ނޫސްކޮންފަރެންސްގައި ހާމަކުރިއެވެ.

ސުވާލު އުފައްދަން ޖެހޭ ހިސާބަކީ މިއީއެވެ. ރާއްޖޭގައި ކަނޑައެޅިގެން ހަށިވިއްކާ ތަންތަން އެބަހުރިކަން ފުލުހުންނަށާއި ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީއަށް އެނގޭއިރު އެތަންތަނާމެދު އަޅާނެ ފިޔަވަޅެއް ފެންކާކަށް ނެތެވެ. ވިދާޅުވީ އެކަމުގައި ހަރަކާތްތެރިވާ ބިދޭސީން ޑީޕޯޓްކުރުމުގެ މަސައްކަތް ކުރަމުން ގެންދާ ކަމަށެވެ. އެހެންނަމަވެސް އެމީހުން ރާއްޖެ ގެނެސް ހަށިވިއްކުމުގެ ނުބައި އަމަލު ހިންގުމުގެ މުގުލުގައި ތިބި މީހުން ގާނޫނުގެ ކުރިމައްޗަށް ގެނެސް ފިޔަވަޅު ނޭޅިގެން މިއުޅެނީ ކީއްވެގެން ހެއްޔެވެ؟

[caption id="attachment_97593" align="aligncenter" width="512"] Home land minister Ali Ihusaan[/caption]

"ސަތޭކައެއްހާ ތަނުގައި ހަށިވިއްކާ ކަމަށް މިނިސްޓަރު އިސްވެ އިންނަވައި ބޭއްވި ޕްރެސްގައި އޮތީ ސަރުކާރުން ބުނެފަ. ކަނޑައެޅިގެން ބޮޑު މުންކަރާތެއް ހިންގާކަން އެނގިތިބެ އެތަންތަން ވަގުތުން ބަންދުކޮށް ސާފުކުރުމުގެ ބަދަލުގައި ނޫސް ކޮންފަރެންސެއްގައި މިދިނީ ކުށްވެރިން ފިލަން ފުރުސަތު. ކުށްކުރާ މީހުންނަށް އިތުރު ހިތްވަރެއް މިދިނީ. ހަގީގަތުގައި އެނޫސްކޮންފަރެންސްއަށް އަރަން ޖެހޭނީ އެތަންތަން ބަންދުކޮށް އެކަން އިއުލާނުކުރުމަށް،" ދީނީ އިލްމުވެރިއަކު އޭނާގެ ސޯޝަލް މީޑިޔާ އެކައުންޓުގައި ހާމަކޮށްފައިވެއެވެ. "އަހަރެމެން މިކިޔަނީ ރާއްޖޭގައި ސްޕާ އާ ސެލޫނުގެ ނަމުގައި ހަށިވިއްކުން ކުރިއަށް އެބަ ގެންދެއޭ. އެކަން ނޭނގެނޭ ކާކަށް. އަދިވެސް މިނިސްޓަރު ނޫސްކޮންފަރެންސަށް އަރާ މިދައްކާ ތިމަންނާމެންނަށް ހުރިހާ ކަމެއްވެސް އެނގެއޭ. ހުރިހާ ތަނެއްވެސް އެނގެއޭ."

ވައިބަ ގްރޫޕެއްގައި ދީނީ އިލްމުވެރިއަކާ އާންމު މީހަކު ސުވާލެއް ކުރިއެވެ؛ "ހަށިވިއްކާ ތަންތަން އެނގޭ ކަމަށް ސަރުކާރުން ބުނެފައި އެތަންތަން ބަނދުނުކުރުމަކީ ކޮންކަހަލަ ކަމެއް"

ޖަވާބުގައި ޒުވާން ދީނީ ޢިލްމުވެރިއަކު ވަރަށް އަސަރާއެކު ބުނެފައިވަނީ ސަރުކާރުގެ ޒިންމާއަކީ ގާނޫނާއި ގަވާއިދުތައް ނަގަހައްޓައި މުންކަރާތްތަކާއި ފާފަތަކަށް އަރައިގަތުން މަނާކުރުމާއި އެކަން ކުރާ މީހުންނަށް އިސްލާމީ ޝަރީއަތުގައި އޮންނަ ގޮތަށް ފިޔަވަޅު އަޅަމުން ގެންދިއުމެވެ. އެހެންނަމަވެސް އެފަދަ ނުބައި އަމަލުތައް ހިންގާކަމާއި ހިންގަނީ ކޮންކޮން ތަންތާކުކަމާއި އެކަން ކުރަނީ ކޮންބައެއްކަން ސަރުކާރުގެ މަސްޢޫލުވެރި އިދާރާތަކަށް ކަނޑައެޅިގެން އެނގޭއިރު ލޯމަރާލައިގެން ތިބުމަކީ ފާފަވެރިވާނެ ކަމެއް ވެސް އޭނާގެ ޖަވާބުގައި ބުނެފައިވެއެވެ.

"ހެއްދެވި ފަރާތަށް ބިރުވެތިވެ އަވަހަށް ފިޔަވަޅުއަޅާ އެތަންތަން ބަންދުކޮށް ދިވެހި މުޖުތަމައު ސާފުކުރަން ފަށަންވީ. އެހެންނޫނީ މިގައުމު ވެއްޓިފައި މިވާ އަޑިގަނޑުން އަރައެއް ނުގަނެވޭނެ. ބިރެއްނެތި ފާފަތަކަށް އަރައިގަތުން ނިމުމަކަށް ގެނައުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރަން އެބަޖެހޭ،" އޭނާގެ ޖަވާބުގައި ބުނެފައިވެއެވެ.

ރާއްޖޭގައި މަސާޖްޕާލާ އާއި ސެލޫނުގެ ނަންބޯޑު އަޅުވައިގެން ހަށިވިއްކުމުގެ ވިޔަފާރި ހިންގަމުން ގެންދިއުމަކީ އަލަށް ފެށިގެން އުޅޭ ކަމެއް ނޫނެވެ. މީގެ އެތައް އަހަރެއް ކުރިއްސުރެ އެކަންކަން ދަނީ މެދުނުކެނޑި ހިނގަމުންނެވެ. ދަމަކުން ބަޑިއެއް ޖަހާހެއް ދޭތެރެއަކުން ފުލުހުން ކޮންމެވެސްތަނެއް ރޭޑްކޮށް ބަޔަކު ހައްޔަރުކޮށް ހަށިވިއްކުމުގައި ހަރަކާތްތެރިވި ބައެއް ބިދޭސީން ޑީޕޯޓްކޮށްލައެވެ. އޭގެ ފަހުން އަނެއްކާވެސް ހަމަ އިހު ހުރި ގޮތަށް އެހަރަކާތްތައް ފުޅާކޮށް ހިންގަން ފަށައެވެ. މިހުރިހާ މައުލޫމާތެއް އެ ހުރިހާ ނަންބޯޑެއް، އެހުރިހާ ޑީލަރުނެއް، އެ ހުރިހާ ހަރަކާތްތެރިނެއް ދިވެހި ފުލުހުންގެ އިންޓެލިޖެންސް ރިޕޯޓްތަކުގައި ލިޔެވިފައި މިހާރުވެސް ހުންނާނެއެވެ. ސުވާލަކީ އެކަން އެއްބުރުން ހުއްޓުވާލެވޭވަރުގެ ހަރުދަނާ ގަޓު ހުރި ވެރިއަކު އަންނާނީ ކޮންއިރަކުން ހެއްޔެވެ؟

ސީނިއަރ ނޫސްވެރިއަކާ ކޮފީއަކުން ބައްދަލުވެގެން މިވާހަކަ ދައްކާލުމުން އޭނާއަށްވެސް ހޯމް ލޭންޑް ސެކިއުރިޓީ މިނިސްޓްރީގެ ނޫސް ކޮންފަރެންސައި ސްޕާތަކާއި ސެލޫންތަކާ ބެހޭ ގޮތުން ދެއްކި ވާހަކަތައް ވީ ޖޯކަކަށެވެ.

"ކާކަށްތަ ނޭނގިގެން އުޅެނީ ހަށިވިއްކާކަން. ކާކަށްތަ ނޭނގިގެން އުޅެނީ ޓޫރިސްޓް ވިސާގައި ކަސްބީ އަންހެނުން ގެނެސްގެން ވިޔަފާރި ކުރަމުން ގެންދާކަން. ކާކަށްތަ ނޭނގެނީ ރާއްޖޭގައި ހަގީގީ މާނައިގައި ހިންގާ ސްޕާއެއް ނެތްކަން. އަނެއްކާވެސް މިނިސްޓަރު އަރާފަ މިބުނަނީ ކަސްބީ އަންހެނުން އެބަ އުޅެއޭ. ހަށުވިއްކާ ތިންސަތޭކަ ތަން އެބަހުއްޓޭ. އެކަން ހުއްޓުވަން އެޅި ފިޔަވަޅެއް ނެތް. ހުއްޓުވާނެ ވަކި މުއްދަތެއް ނުބުނެވުނު. އެކަމުގެ އަޑީގައި ތިބި ދިވެހިންނާމެދު އަޅާނެ ފިޔަވަޅެއް ނުބުނެވުނު. މިއީ ބޮޑު ޖޯކެއް،" އޭނާ ބުންޏެވެ. "ރާއްޖޭގައި ގޭންގްތައް އެބަ ހިންގާ. މިހެން މިނިސްޓަރު ބުނުމެކޭ، މާލޭގައި ސްޕާގެ ނަމުގައި އެބަ ހަށިވިއްކައޭ ބުނުމާ ހުރި ތަފާތަކީ ކޮބާ. މިއީ ދުވާލުކަން އެނގޭހެން އެންމެނަށް ވެސް އެކަން އެބަ އެނގޭ. ކޮބާހޭ އަޅާ ފިޔަވަޅަކީ. ކޮބާހޭ އެޅި ފިޔަވަޅަކީ. ކޮބާހޭ އެތަންތަން ބަންދުކުރުމަށްވި ވައުދު. ކޮން އިރަކުންހޭ އެކަން ކުރާނީ."

ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރުގެ ބަހާއި އަމަލު ދިމާވާކަން ރައްޔިތުންނަށް ކަށަވަރު ކޮށްދޭން އެބަ ޖެހެއެވެ. ކަނޑައެޅިގެން ގާނޫނާ ޚިލާފު އަމަލުތައް ހިންގާކަމާއި ހިންގާ ތަންތަނާއި ހިންގާ މީހުން އެނގޭއިރު އެކަމާ ފިޔަވަޅު ނާޅާ، ނޫސްވެރިން ކުރިމަތީ މޮޅު ވާހަކަ ދެއްކުމަކީ ހުރިހާ ކަމެއް ނިމުނީކީ ނޫނެވެ. އަމަލުން ނަތީޖާ ދައްކަބަލާށެވެ. އެކަން ވެސް ނުވެގެން އުޅެނީ ރާއްޖޭގެ އިގްތިސާދު ދައްވީމަ ކަމަށް ވެދާނެއެވެ. މިކަން އަރަތަކަށް މިވަނީ މިހެންވެއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ