އަންހެނުންނަށް ޔުނިވާސިޓީތަކަށް ވަނުން މަނާކުރި މައްސަލަ ތުރުކީ އާއި ސައުދީން ކުށްވެރިކޮށްފި

އަންހެނުންނަށް ޔުނިވާސިޓީތަކަށް ވަނުން މަނާކުރި މައްސަލަ ތުރުކީ އާއި ސައުދީން ކުށްވެރިކޮށްފި
ލިޔުން:
ތުރުކީ އާއި ސައުދީ އަރަބިއްޔާއިން އަފްގާނިސްތާނުގެ ތާލިބާނުން އަމިއްލަ އަދި ޕަބްލިކް ޔުނިވާސިޓީތަކަށް އަންހެނުން ކިޔަވައިދިނުން މުޅި ގައުމުގައި މަނާކޮށްފައިވާތީ އެކަން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައެވެ.
ތުރުކީގެ ހާރިޖީ ވަޒީރު މެވްލޫތު ކަވުސޮގްލޫ ބުރާސްފަތި ދުވަހު ވިދާޅުވެފައިވަނީ އެކަން މަނާކުރުމަކީ "އިސްލާމީ އަދި އިންސާނިއްޔަތެއްވެސް ނޫން" ކަމަށެވެ. ޔަމަނުގެ ހާރިޖީ ވަޒީރާއެކު ބޭއްވި ޖޮއިންޓް ނިއުސް ކޮންފަރެންސްގައި ވާހަކަ ދައްކަވަމުން ކަވުސޮގްލޫ ވަނީ ތާލިބާނުންގެ ކިބައިން އެ ނިންމުން ބަދަލުކުރުމަށް ގޮވާލައްވާފައެވެ.
"އަންހެނުންގެ ކިޔެވުމުގައި އޮތީ ކޮން ގެއްލުމެއް ހެއްޔެވެ؟ އެކަމުގެ ސަބަބުން އަފްގާނިސްތާނަށް ލިބެނީ ކޮން ގެއްލުމެއް ހެއްޔެވެ؟" ކަވުސޮގްލޫ ވިދާޅުވިއެވެ. "އިސްލާމީ ތަފްސީލެއް އެބަ އޮތް ހެއްޔެވެ؟ އެއާ ހިލާފަށް އަޅުގަނޑުމެންގެ ދީން ކަމުގައިވާ އިސްލާމްދީނަކީ ތައުލީމާ ހިލާފު ދީނެއް ނޫން، އެއާ ހިލާފަށް ތައުލީމާއި ސައިންސަށް ހިތްވަރުދޭ ދީނެއް" ވިދާޅުވިއެވެ. އަފްގާނިސްތާނުގެ އަންހެނުންނަށް ޔުނިވާސިޓީ ތައުލީމް ނުލިބުމުން ސައޫދީ ހާރިޖީ ވުޒާރާއިން ވަނީ ހައިރާންކަމާއި ހިތާމަފާޅުކޮށްފައެވެ. ބުދަ ދުވަހުގެ ރޭ އެ މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ އެ ނިންމުމަކީ އިސްލާމީ ހުރިހާ ގައުމެއްގައި ވެސް ހައިރާންކުރުވަނިވި ނިންމުމެއް ކަމަށެވެ.
އަފްގާނިސްތާނުގެ ވެރިރަށް ކާބުލްގެ މަގުތަކުގައި މިދިޔަ ބުރާސްފަތި ދުވަހު އެތައް އަންހެނުންނެއް މުޒާހަރާކޮށް މިނިވަންކަމާއި ހަމަހަމަކަމަށް ގޮވާލިއެވެ. އަފްގާނިސްތާނުގެ ކްރިކެޓް ކުޅުންތެރިންތަކެއް ވެސް ވަނީ ސޯޝަލް މީޑިއާގައި އެ ނިންމުން ކުށްވެރިކޮށްފައެވެ. ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން ރާޝިދު ހާން ކުރި ޓުވީޓެއްގައި ބުނީ އަންހެނުންނަކީ މުޖުތަމައުގެ ބިންގާ ކަމަށެވެ. "ޖާހިލު އަދި ނުކިޔަވާ އަންހެނުންގެ އަތްމައްޗަށް ދަރިން ދޫކޮށްލާ މުޖުތަމައަކަށް އެ މުޖުތަމައުގެ މެންބަރުންނަށް ހިދުމަތްކޮށް ބުރަކޮށް މަސައްކަތް ކުރާނެ ކަމަށް އުއްމީދެއް ނުކުރެވޭނެ،" އޭނާ ކުރި ޓްވީޓްގައި ބުންޏެވެ.
ތާލިބާނުން ވަނީ، މީގެ ދެ އަހަރު ކުރިން އެމެރިކާ އިސްވެ އޮވެ އުފައްދާފައިވާ އަސްކަރީ އިއްތިހާދުން ވެރިކަމުން ދުރުކުރުމަށް ފަހު 2021 ވަނަ އަހަރުގެ އޮގަސްޓް މަހު އެގައުމުގެ ކޮންޓްރޯލް އަލުން އަތުލައިފައެވެ. ތާލިބާނުން އެންމެ ފުރަތަމަ އަންހެނުންނާއި މައިނޯރިޓީގެ ހައްގުތަކަށް އިހުތިރާމްކުރާ މެދުމިނުގެ ވެރިކަމެއް ގެނައުމަށް ވައުދުވިއެވެ.
ވެރިކަމާ ހަވާލުވި ފަހުން އަންހެން ކުދިންނަށް ސާނަވީ ތައުލީމު ދިނުން މަނާކޮށް، ވަޒީފާގެ ގިނަ ދާއިރާތަކުން އަންހެނުންނަށް ކިޔެވުން ވަނީ މަނާކޮށްފައެވެ. އަދި ޕާކުތަކާއި ޖިމްތަކުގައި ވެސް އަންހެނުން އުޅުން ވަނީ މަނާކޮށްފައެވެ.
ނަމަވެސް ތާލިބާނުން އަދި އެކަމާ ބެހޭ ގޮތުން ފާޅުގައި އެއްވެސް އެއްޗެއް ބުނެފައެއް ނުވެ އެވެ. ނަމަވެސް ހަޔާ އެޑިއުކޭޝަން މިނިސްޓްރީގެ ތަރުޖަމާނު ޒިޔާއުﷲ ހާޝިމީ މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެ މިނިސްޓްރީގެ ނިންމުން ސާފުކުރުމަށް މި ހަފުތާގައި ނިއުސް ކޮންފަރެންސެއް ބާއްވާނެ ކަމަށެވެ.
އަފްގާނިސްތާނަށް ކަނޑައަޅުއްވާފައި ހުންނަވާ އދ.ގެ ސްޕެޝަލް ރެޕަޓުއަރ ބުދަ ދުވަހު ވިދާޅުވެފައިވަނީ، އެ މަނާކުރުމަކީ އާ ދަރަޖައެއް ކަމަށާއި، މިއީ ހަމަހަމަ ތައުލީމުގެ ހައްގަށް އިތުރަށް އުނިކަން ގެނެސް، އަފްގާނިސްތާނުގެ މުޖުތަމައުން އަންހެނުން ގެއްލުވާލުން ކުރާ ކަމެއް ކަމަށެވެ.
އެސޯސިއޭޓެޑް ޕްރެސް ނިއުސް އެޖެންސީއަށް ހިއްސާކުރި ވީޑިއޯއެއްގައި އަންހެނަކު ބުނީ މިދިޔަ ބުރާސްފަތި ދުވަހު ތާލިބާނުންގެ ސަލާމަތީ ބާރުތަކުން ހަމަނުޖެހުން ހިންގައި މުޒާހަރާގެ ބައިވެރިން ރޫޅާލާފައިވާ ކަމަށެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ދަތުރުކުރަމުންދިޔަ ފުލައިޓެއްގެ ކުޑަދޮރު ހަލާކުވެ ބޭރަށް ދަމައިގަތް ޕަސެންޖަރަކު ސަލާމަތްކޮށްފި

އެމެރިކާއަށް ހިޖުރަކުރި މުސްލިމެއް ނިވްޔޯކުގެ މޭޔަރު ކަމަށް

ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ޕަޕްއާ ނިއުގިނީ ގައި ފޭސްބްކް މަނާކޮށްފި

އެއާ އިންޑިއާގެ ފްލައިޓެއް ފާޚާނާތައް ބްލޮކުވުމުން 10 ގަޑިއިރު ފަހުން އެނބުރި ފުރި މަންޒިލަށް

މިނިވަން ވިޔަފާރީގެ އެއްބަސްވުމާ އެމެރިކާއިން ޚިލާފުވުމުން ކެނެޑާއިން ދުނިޔޭގެ ވިޔަފާރި ޖަމިއްއޔާ އަށް

ޣައްޒާއާއި ގުޅޭގޮތުން އަރަބިންގެ ސިއްރު ބައްދަލުވުމެއް
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
