މާލެ: 31°C

އެމެރިކާއިން ދެ ބިލިއަން ޑޮލަރުގެ ހަތިޔާރު ޔޫކްރެއިނަށް ދެނީ!

February 2, 2023
2 ފަހަރު ބަލާފައި
އެމެރިކާއިން ދެ ބިލިއަން ޑޮލަރުގެ ހަތިޔާރު ޔޫކްރެއިނަށް ދެނީ!
އެމެރިކާއިން ދެ ބިލިއަން ޑޮލަރުގެ ހަތިޔާރު ޔޫކްރެއިނަށް ދެނީ!
އެމެރިކާއިން ޔޫކްރެއިންއަށް ދެ ބިލިއަން ޑޮލަރުގެ އަސްކަރީ އެހީ ދިނުމަށް ނިންމާފައިވާ ކަމަށް ރިޕޯޓްތައް ބުނެފިއެވެ. އެކަމާއި ގުޅޭ ގޮތުން މައުލޫމާތު ދިން އެމެރިކާގެ ދެ އޮފިޝަލަކާ ހަވާލާދީ ރޮއިޓާސް އިން ރިޕޯޓްކޮށްފައިވާ ގޮތުން އަސްކަރީގެ އެހީގެ ތެރޭގައި ދުރު ރާސްތާގެ ރޮކެޓާއި އެހެނިހެން ހަތިޔާރު ވެސް ހިމެނޭނެ ކަމަށެވެ. މި ހަފުތާގެ ތެރޭގައި މި އެހީ އިއުލާނު ކުރާނެ ކަމަށް ބެލެވެއެވެ. އޭގެ ތެރޭގައި ޕެޓްރިއޮޓް އެއާ ޑިފެންސް ސިސްޓަމްތަކަށް ބޭނުންވާ ސަޕޯޓް އިކުއިޕްމަންޓާއި ޕްރިސިޝަން ގައިޑެޑް މިއުނިޝަން އަދި ޖެވެލިން އެންޓި ޓޭންކް ހަތިޔާރު ވެސް ހިމެނޭނެ ކަމަށް ބެލެވޭ ކަމަށް އެ ފަރާތްތަކުން ބުންޏެވެ. އެއް އޮފިޝަލަކު ވިދާޅުވި އެ ހަތިޔާރުތަކަކީ އެމެރިކާގެ ހަތިޔާރުގެ ސްޓޮކުން ފޯރުކޮށްދޭ ހަތިޔާރުތަކެއް ނޫނެވެ. އެއީ ހަތިޔާރު ހޯދުމުގެ ފުރުސަތު ރައީސް ޖޯ ބައިޑަންގެ ސަރުކާރަށް ލިބޭ ޔޫކްރެއިން ސެކިއުރިޓީ އެސިސްޓެންސް އިނީޝިއޭޓިވް (ޔޫއެސްއޭއައި) ނަމަކަށް ކިޔާ ފަންޑެއް މެދުވެރިކޮށް ފޯރުކޮށްދޭ ހަތިޔާރުތަކެކެވެ. އެ ފަންޑުން ހޯކް އެއާ ޑިފެންސް، ކައުންޓާ ޑްރޯން ސިސްޓަމް، ކައުންޓާ އާޓިލަރީ އަދި އެއާ ސަވައިލަންސް ރާޑަރު، މުވާސަލާތީ އާލާތްތަކާއި ޕޫމާ ޑްރޯން އަދި ޕެޓްރިއޮޓްސް އަދި ބްރެޑްލީ ފަދަ ބޮޑެތި ސިސްޓަމްތަކަށް ބޭނުންވާ ސްޕެއާ ޕާޓްސް އަށް ފައިސާ ދައްކާނެ ކަމަށް އޮފިޝަލަކު ވިދާޅުވިއެވެ. މީގެ އިތުރުން ތިން ފީލްޑް ހޮސްޕިޓަލް ހަރުދަނާކުރުމަށް ބޭނުންވާ ވަރަށް ގިނަ އަދަދެއްގެ މެޑިކަލް އިކުއިޕްމަންޓް އެހެން ފަރާތަކުން ހަދިޔާކުރާ ކަމަށް އޮފިޝަލް ވިދާޅުވިއެވެ. ނަމަވެސް މި ކަމާއި ގުޅޭ ގޮތުން ވައިޓް ހައުސްއިން ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ