މާލެ: 31°C

އަލީބާބާގެ ވެރިޔާއަށް ޗައިނާ ސަރުކާރުން ބިރު ދަައްކަނީ ކީއްވެ؟

May 7, 2024
2 ފަހަރު ބަލާފައި
އަލީބާބާގެ ވެރިޔާއަށް ޗައިނާ ސަރުކާރުން ބިރު ދަައްކަނީ ކީއްވެ؟
އަލީބާބާގެ ވެރިޔާއަށް ޗައިނާ ސަރުކާރުން ބިރު ދަައްކަނީ ކީއްވެ؟
ކޮންމެ ގޮތަކުން ނަމަވެސް ޖެކް މާ (ފޮޓޯ) މައިތިރި ކުރުމަށް ޗައިނާގެ ވެރިކަމުގެ ފަރާތުން އެގައުމުގެ ކަމާ ބެހޭ އިދާރާތަކަށް އެންގިކަން އޮތީ ކަށަވަރު ވެފައެވެ. އެއީ އޭނާގެ އަމާޒު ހުރީ ވެރިކަމާ ދިމާލަށް ކަމަށް ބެލެވޭތީ ކަމަށް ވެއެވެ. މިކަން މީޑިޔާއަށް ތިލަވިތާ މާގިނަ ދުވަހެއް ނުވެއެވެ. ޗައިނާގެ އެންމެ ނުފޫޒު ގަދަ އެއް ބިލިއަނަރު، އަލީބާބާގެ ވެރިޔާ ޖެކް މާ ކުއްލި އަކަށް "ގެއްލުމުގެ" ހަގީގަތާމެދު ދުނިޔޭގެ މީޑިޔާއިން ގެންދަނީ ތަފާތު ދިރާސާތައް ކުރަމުންނެވެ. އެހާ ކުއްލި ގޮތަކަށް ސޯޝަލް މީޑިޔާއިންނާއި އެނޫން ވެސް ހަރަކާތްތަކުން ޖެކް މާ މިހާރަކު ނުފެނެއެވެ. ބައެއް ނޫސްތަކުން ބުނެފައި ވަނީ ޖެކް މާ އަށް ޗައިނާގެ ސިއްރު ފުލުހުން ބިރު ދެއްކުމުން ހަރަކާތްތަކާ ދުރަށް ޖެހިލަން މަޖުބޫރުވީއެވެ. ޗައިނާގެ އެތެރޭގެ ސިޔާސަތުތަކާއި އިގްތިސާދު ދިރާސާކުރާ ފަރާތްތަކުން ބައިނަލްއަގުވާމީ އެކި މީޑިޔާތަކުގައި ދައްކާފައިވާ ވާހަކަތައް ދިރާސާކޮށްލާއިރު އެއްކަމެއް ފާހަގަވާން އެބައޮތެވެ. އެއީ ޖެކް މާގެ ކުއްލި "ގެއްލުމާ" ޗައިނާ ސަރުކާރާ ގުޅޭ ކަމެވެ. ވެރިކަން ހިންގާ ޗައިނާ ކޮމިއުނިސްޓް ޕާޓީއާ ގުޅޭކަމެވެ. ނުފޫޒު ގަދަ ވިޔަފާރިވެރިން އެޕާޓީގެ ވިސްނުމުގެ ތެރޭގައި ބޭތިއްބުމަކީ އެމީހުންގެ އެންމެ ވިހަ ވިސްނުމެވެ. ވަރަށް ގިން މިނިވަންކަން ހުއްޓުވާ އަބަދުވެސް އެމީހުންގެ ހަރަކާތްތަކަށް ފާރަވެރިވެ، އެމީހުންގެ ކުށްތައް ހޯދުމަށް ކެނޑިނޭޅި ކުރެއެވެ. އަލީބާބާގެ ދިގު މާޒީގައި ޗައިނާ ސަރުކާރާ ގުޅުން ރަނގަޅަށް ބޭއްވިއެވެ. ޖެކް މާ އެއްވެސް އިރެއްގައި ސިޔާސީ ވާހަކަ ނުއްކާއެވެ. ފޯރަމްތަކުގައިވެސް މުޅިން ވެސް ވިސްނުން ގެންގުޅެނީ އިލްމީ ގޮތުންނެވެ. ވާހަކަތައް ކިޔައިދެނީ ތަޖުރިބާއިންނެވެ. މައްސަލަ ފެންމަތިވަނީ މިހިސާބުންނެވެ؛ ކޮވިޑްގެ ބަލިމަޑުކަމުގެ ތެރޭގައި ޖެކް މާ ޗައިނާ އާއި ދުނިޔޭގެ ގިނަ ގައުމުތަކަށް ވަރަށް ބޮޑެތި އެހީތެރިކަން ފޯރުކޮށްދެމުން ގެންދިޔައެވެ. އެކަމުގެ ސަބަބުން ޗައިނާގެ އާންމުންގެ މެދުގައި އޭނާގެ މަގުބޫލުކަން އިތުރަށް ބޮޑުވިއެވެ. އަދި އޭނާގެ ކުންފުންޏަކުން ޗައިނާގެ ވިޔަފާރިވެރިންނަށާއި ޕްރޮޖެކްޓައް ހިންގާ ފަރާތްތަކަށް ލޯނު ދޫކުރަން ފެށުމުން، ވެރިކަން ހިނގާ ޕާޓީ އާއި ސަރުކާރުގެ ބޮޑުންނާ އެތައް ގޮތަކުން ގުޅިފައިވާ ބޭންކުތަކުން އެކަމުގެ ކަންބޮޑުވުން ފާޅުކުރަން ފެށިއެވެ. މިކަމާ ގުޅިގެން ޗައިނާ ސަރުކާރުގެ ތަރުޖަމާނަކު ނުސީދާކޮށް މިޑިޔާގައި ވިދާޅުވެފައިވަނީ "ވަކިވަކި ފަރުދުންނަށް ޗައިނާގެ އިގްތިސާދު ކޮންޓްރޯލުކޮށް އިޖުތިމާއީ ހަމަޖެހުމުގެ ތެރެއަށް ވަދެގަންނަން ފުރުސަރު ނެތް" ކަމަށެވެ. އޭގެ ފަހުން ޖެކް މާގެ ހިއްސާ އޮންނަ ކުންފުންޏަކުން ހިންގާފައިވާ ފައިސާގެ މުޢާމަލާތްތަކެއް، ގާނޫނާ ޚިލާފު ކަމަށް ބަލައި އެކަން ޗައިނާގެ ކަމާ ބެހޭ އިދާރާތަކުން ތަހުގީގުކުރަން ފެށިއެވެ. އަދި ޖެކް މާ އަށް ގައުމުން ބޭރަށް ނުދިއުމަށް ވެސް އެންގި ކަމަށް ބައެއް ފަރާތްތަކުން ބުނެއެވެ. ޖެކް މާ ގެ ތަހުގީގާ ގުޅޭ ކަންކަމާއި އަދި އަލިބާބާގެ ވާހަކަތައް ރިޕޯޓްކުރާއިރު ވެރިކަން ހިންގާ ޕާޓީގެ މަސްލަހަތު ދެމެހެއްޓުމަށް ޗައިނާގެ މީޑިތާތަކަށް ސަރުކާރުން ވަރަށް ހަރުކަށިކަމާއެކު އަންގާފައިވާ ކަމަށް ވެއެވެ. ބައެއް މީޑިތާތަކުން ޗައިނާ ބަހުން ގެންނަ ހަބަރުތަކުގައި ސަރުކާރުގެ އެންގުމާ އެއްގޮތަށް ރިޕޯޓުކުރި ނަމަވެސް އިނގިރޭސިބަހުން ގެންނަ ޚަބަރުތަކުގައި އެ ނުފޫޒެއް ނުހުރެއެވެ. އަލީބާބާގެ ވެރިޔާ ކުއްލިއަކަށް މީޑިޔާތަކުން ގެއްލުނީ ޗައިނާ ސަރުކާރުގެ އިގްތިސާދީ ސިޔާސަތުތަކާމެދު ފާޅުކަން ބޮޑު ގޮތެއްގައި ފާޑުކިއުމަށް ފަހުއެވެ. އާންމުކޮށް އަބަދުވެސް ސޯޝަލް މީޑިޔާ މެދުވެެރިކޮށް އާންމުންނާ ގާތް ގުޅުމެއް ބާއްވާ ބިލިއަނަރުގެ މިއާދައާ މިހާރު ވަނީ ވަރަށް ބޮޑަށް ދުރުވެފައެވެ. ޗައިނާ ސަރުކާރުގެ ފިއްތުންތަކާއި ބިރުދެއްކުންތަކުގެ ސަބަބުންނެވެ. ދިރާސާކުރާ ފަރާތްތަކުން ދެކޭ ގޮތުގައި މިހާރު ޖެކް މާ އަށް އޮތީ ދެ ގޮތެވެ. އެއީ ސަރުކާރުން އަންގާ ގޮތަކަށް އަމަލު ކޮށްގެން މަޑުން ހުރުން ނޫނީ ޖަލުގައި ބަންދުވުމެވެ. މާގިނަ ދުވަހެއް ނުވެ މި ހުރިހާ ކަމެއްގެ ހަގީގަތް ދުނިޔެއަށް ހާމަވެގެންދާނެއެވެ. އަދި ޖެކްމާގެ ވިސްނުން ހުރީ ޖަލަށްދާ ގޮތަށް ނޫންކަން އޭނާގެ ގާތް މީހުންނާ ހަވާލާދީ ލޯކަލް މީޑިއާގައި ރިޕޯޓުކޮށްފައިވެއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ