މާލެ: 31°C

އަފްގާނިސްތާނުގެ ޔުނިވާސިޓީތަކުން އަންހެނުން ވަނުން މަނާކޮށްފި

December 22, 2022
2 ފަހަރު ބަލާފައި
އަފްގާނިސްތާނުގެ ޔުނިވާސިޓީތަކުން އަންހެނުން ވަނުން މަނާކޮށްފި
އަފްގާނިސްތާނުގެ ޔުނިވާސިޓީތަކުން އަންހެނުން ވަނުން މަނާކޮށްފި
އަފްގާނިސްތާނުގެ ޔުނިވާސިޓީތަކަށް އަންހެން ދަރިވަރުން ވަނުން މަނާކޮށްފިއެވެ. ތާލިބާނުން ހިންގާ ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ބުނީ، ވަކި ގޮތެއް އަންގަންދެން އެ ގައުމުގެ ޔުނިވާސިޓީތަކަށް އަންހެން ދަރިވަރުންނަށް ނުވަދެވޭނެ ކަމަށެވެ. މިނިސްޓްރީން ސަރުކާރު އަދި އަމިއްލަ ޔުނިވާސިޓީތަކަށް އަންގާފައިވާ ގޮތުން އެ ނިންމުމަކީ ކެބިނެޓުން ނިންމި ނިންމުމެކެވެ. އެހެންވެ ނިންމުމާ އެއްގޮތްވާ ގޮތުގެ މަތިން އަންހެން ދަރިވަރުން ވަނުން ވަގުތުން މެދުކަނޑާލުމަށް އަންގާފައިވެއެވެ. "ވަކި ގޮތެއް އަންގަންދެން އަންހެނުންގެ ކިޔެވުން މެދުކަނޑާލުމަށް، މިދެންނެވި އަމުރު ވަގުތުން ތަންފީޒުކުރުމަށް ތިޔަ ހުރިހާ ބޭފުޅުންނަށް އަންގަވަން" ހަޔާ އެޑިއުކޭޝަން މިނިސްޓަރު ނެދާ މުހައްމަދު ނަދީމް ސޮއިކުރައްވައި ސަރުކާރުގެ އަދި އަމިއްލަ ހުރިހާ ޔުނިވާސިޓީތަކަށް ފޮނުއްވި ސިޓީގައި ވެއެވެ. އެ ސިޓީ ޓްވީޓް ކުރެއްވި މިނިސްޓްރީގެ ތަރުޖަމާނު ޒިޔާއުﷲ ހާޝިމީ ވަނީ އޭއެފްޕީ އާއި އެސޯސިއޭޓެޑް ޕްރެސް (އޭޕީ) ފަދަ ބައެއް ނޫސް އެޖެންސީތަކަށް އެކަން ކަށަވަރުކޮށްދީފައެވެ. އދ.ގެ ތަރުޖަމާނު ސްޓެފަން ޑުޖާރިކް ވަނީ މިފިޔަވަޅަކީ އެންމެ ރަނގަޅު ފިޔަވަޅެއް ނޫން  ގޮތުގައި ސިފަކުރައްވާފައެވެ. "މިއީ ތާލިބާނުންގެ ވީ ވައުދާ ހިލާފުވުން" ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ޑުޖާރިކް ވިދާޅުވިއެވެ. "އަހަރުމެންނަށް ފެނުނީ އެމީހުން ހަވާލުވި ފަހުން، ހަމައެކަނި ތައުލީމީ ދާއިރާއިން ނޫން، އާންމު ތަންތަނަށް ވަނުމުގައި ވެސް އަންހެނުންނަށް ޖާގަ ހަނިކުރަމުންދާ މަންޒަރު" އޭނާ ވިދާޅުވިއެވެ. "މިއީ ވަރަށް ހިތްދަތި ފިޔަވަޅެއް، އަންހެނުންގެ ބައިވެރިވުމާއި އެމީހުންގެ ތައުލީމާ ނުލައި ގައުމެއް ތަރައްގީވެދާނަނެ ކަމަށް ވިސްނާލަންވެސް ދަތި" ޑުޖާރިކް ވިދާޅުވިއެވެ. ތާލިބާނުންގެ މި ނިންމުން ނިންމާފައިވަނީ އާފްގާނިސްތާނާ ގުޅޭ އދ.ގެ ސަލާމަތީ މަޖިލީހުގެ ބައްދަލުވުމެއް އެމެރިކާގެ ނިއުޔޯކްގައި ކުރިއަށްގެންދާ ދަނޑިވަޅެއްގައެވެ. އެމެރިކާ އާއި އިނގިރޭސިވިލާތުގެ މަންދޫބުން ވަނީ ކައުންސިލް ބައްދަލުވުމުގައި އެކަން ކުށްވެރިކޮށްފައެވެ. އދ.ގެ ޑެޕިއުޓީ އެމްބެސެޑަރު ރޮބަޓް ވުޑް ވިދާޅުވީ، އަފްގާނިސްތާނުގެ ހުރިހާ ރައްޔިތުންގެ ހައްގުތަކަށް، ހާއްސަކޮށް އަންހެނުންނާއި އަންހެން ކުދިންގެ އިންސާނީ ހައްގުތަކާއި އަސާސީ މިނިވަންކަމަށް އިހުތިރާމް ކޮށްގެން ނޫނީ ބައިނަލްއަގުވާމީ މުޖުތަމައުގެ ސައްހަ މެމްބަރަކަށް ތާލިބާނުން ވާނެ ކަމަށް އުއްމީދު ނުކުރެވޭނެ ކަމަށެވެ. ތާލިބާނުން ވަނީ އެ ނިންމުން ދިފާއުކޮށްފައެވެ. އެފަދަ ފިޔަވަޅުތައް އަޅާފައި ވަނީ ގައުމީ މަސްލަހަތާއި އަންހެނުންގެ "އިއްޒަތް" ދެމެހެއްޓުމަށް ކަމަށް ތާލިބާނުން ބުނެއެވެ. ތާލިބާންގެ ބައެއް އޮފިޝަލުން ވިދާޅުވާ ގޮތުގައި ސެކަންޑަރީ އެޑިއުކޭޝަން މަނާކުރުމަކީ ވަގުތީ ކަމެއް ކަމަށެވެ. ވަޒީފާގެ ގިނަ ދާއިރާތަކުން އަންހެނުން މަނާކޮށް، ޕާކުތަކާއި ޖިމްތަކަށް ވެސް އަންހެނުން ވަނުން މަނާކޮށްފައިވެއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ