މާލެ: 31°C

އަދުރޭއާއި ޕީއެންސީ ތާރީޚުގެ ތެރެއަށް

May 28, 2024
2 ފަހަރު ބަލާފައި
އަދުރޭއާއި ޕީއެންސީ ތާރީޚުގެ ތެރެއަށް
އަދުރޭއާއި ޕީއެންސީ ތާރީޚުގެ ތެރެއަށް
މިއަދަކީ އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) އަށާއި މުޅި ލ. އަތޮޅަށް ވެސް ތާރީޚީ ދުވަހެކެވެ. އެމަނިކުފާނުގެ ޕާޓީ، ޕީއެންސީއަށް ވެސް މިއަދުގެ އުފާވެރިކަން އޭގެ އިންތިހާ ބޮޑެވެ. އެއީ ރާއްޖޭގެ ތާރީޚުގައި މިހާތަނަށް ލިބުނު އެންމެ ބޮޑު އަޣުލަބިއްޔަތާއެކު ވިހި ވަނަ ރައްޔިތުންގެ މަޖިލީސް މިއަދު ހުވާކުރުމުންނެވެ. އަބްދުއްރަހީމް ތާރީޚުގެ ތެރެއަށް ވަދެގެންދާ އަނެއް ސަބަބަކީ ރާއްޖޭގެ ސިޔާސީ ދާއިރާގެ އެންމެ ދަށުން ފެށިގެން ކުރިއަރުން އައިސް، މިއަދު ދައުލަތުގެ ގާނޫނު ހަދާ ބާރުގެ ވެރިއަކަށް އެމަނިކުފާނު ވެގެން ދިއުމުންނެވެ. މިއަދު ވިހި ވަނަ ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމަށް އަދުރޭ ހޮވުނީ 71 މެންބަރުންގެ ފުރިހަމަ ތާޢީދާއެކީގައެވެ. އެމަނިކުފާނު ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން، ދައުލަތުގެ އެންމެ ބާރުގަދަ އެއް ގޮނޑީގައި އިށީނދެވަޑައިގެން ދެއްވީ ކުރު އެހެންނަމަވެސް ވަރުގަދަ މުހިއްމު ތަގުރީރެކެވެ. ވިދާޅުވިއެވެ؛ "މި ވިހި ވަނަ ރައްޔިތުންގެ މަޖިލިސް އެކުލަވާލެވިގެން މިދަނީ ގައުމަށް މުހިއްމު ދަނޑިވަޅެއްގައި. މުހިއްމު އާ ސިޔާސީތަކާ އެކީގައި އިންގިލާގީ ހެޔޮ ބަދަލެއް ރާއްޖެއަށް ގެނެސްދެއްވުމުގެ އިހްލާސްތެރި ވިސްނުންފުޅުގަ، ދިވެހިރައްޔިތުންނަށް އުފާވެރި ދުވަސްތަކެއް ހޯއްދަވައިދެއްވުމުގެ ވަރުގަދަ އަޒުމުގައި މުޅިން އާ ބޭފުޅަކު އާދެ، ރާއީސް ޑރ. މުހައްމަދު މުޢިއްޒު ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާކަމާ ހަވާލުވެޑައިގެންނެވިތާ މަދު މަސްތަކެއްގެ ތެރޭގަ." ދެން އަބްދުއްރަހީމް ފާހަގަކުރެއްވީ ވިހި ވަނަ ރައްޔިތުންގެ މަޖިލީހުން ކުރަން ހުރި މުހިއްމު އަދި އެހާމެ ބޭނުންތެރި ގިނަ މަސައްކަތްތަކުގެ ވާހަކައެވެ. "އެހެންކަމުން މި މަޖިލިސް ވެގެންދާނީ އެމަނިކުފާނުގެ މަސައްކަތްޕުޅާ ފިޔަވަޅު ހަމަކޮށް ހިނގާނެ، ހިނގަންވާނެ މަޖިލީހަކަށް. މި ދަނޑިވަޅަކީ ގައުމެއްގެ ގޮތުގައި މުހިއްމު ނިންމުންތަކެއް ނިންމަން ޖެހިފައިވާ ދަނޑިވަޅެއް. އިގްތިސާދީ އަސާސްތައް ފުޅާކުރުން. އާ މަސައްކަތްތަކާއި ފަންނުތަކާއި ވިޔުފާރިތައް އުފަންކުރުން. ފައިސާއާއި މާލީ ފުދުންތެރިކަން އިތުރުކުރެވޭނެ ގޮތްތައް ހޯދުން. އުމުރާނީ ތަރައްގީގެ އާ ހަރުފަތްތަކެއް ރާއްޖެއަށް ތަޢާރަފުކުރަމުން ގެންދިއުން،" ރިޔާސަތުގައި އިންނަވައި ވާހަކަ ކުރިއަށް ގެންވަމުން އަދުރޭ ވިދާޅުވިއެވެ. "ވީދެމުންދާ ދިވެހިންގެ އިޖުތިމާއީ ފޭރާން، އަލުން ވިޔެ، އާކުރުން، މަސްތުވާތަކެތީގެ ވަބާއާ ވަރުގަދަ ހަނގުރާމައެއްކުރުން. ނުގަވާއިދުން ބިދޭސީން ރާއްޖެއަށް ވަންނަ ދޮރުތައް ބަންދުކުރުން. ގާނޫނުގެ ވެރިކަން ނެގެހެއްޓުން. ޝަރުއީ ދާއިރާގެ މިނިވަންކަން ކަށަވަރުކުރުން. މަޖިލީހުގެ އަބުރާއި ކަރާމާތް ހިފެހެއްޓުން. މިއީ ހައްތާވެސް މި މަޖިލިސް ތެރޭގައި ކުރިއަށް އޮތް ދުވަސްތަކުގައި މަޝްވަރާކޮށް ބަހުސްކޮށް، ސަރުކާރާއެކު މަސައްކަތްކޮށް ނިންމަން ޖެހޭނެ ކަންކަން." ރާއްޖޭގައި އަދުރޭއާއެކު ސިޔާސީ މަސައްކަތްތައް ކުރުމުގައި އުޅުނު ބައެއް ބޭފުޅުން ވިދާޅުވި ގޮތުގައި އަދުރޭއަކީ އަބަދުވެސް އެއިރެއްގައި ހަވާލުވެވަފައިވާ ކޮންމެ ޓާސްކެއް، ފަސްޖެހުމެއް، ބިރުގަތުމެއް، ލަދުގަތުމެއް ނެތި އަދާކުރުމުގައި ފާހަގަކޮށްލެވޭ ބޭފުޅެކެވެ. އެމަނިކުފާނުގެ ޢިލްމީ ގާބިލްކަމާމެދު ގިނަ ބަޔަކު އުފައްދާ ސުވާލުތަކާމެދު ސިޔާސީ އެކުވެރިން ދެނީ މާ ފުރިހަމަ ޖަވާބެކެވެ؛ "އަދުރޭއަށް ނުކުރެވުނު މަޖިލީހުގެ ރައީސްކަމެއް އަދާކުރެވޭނެ ވަކި އެހެން މީހަކު ނުހުންނާނެ. ސިޔާސީ ގޮތުން މިސްޓޭކެއް ނަހަދާނެ. ބައެއް ފަހަރު ބަސްމަގު ހުންނަ ގޮތުން ސުވާލު އުފެދުނު ކަމުގައިވިއަސް، މަޖިލިސް ރައީސް ކަމުގެ ގޮނޑީފައި އިށީނދެވަޑައިގަތުމަށް ފަހު އެކަން އޭނާގެ ކިބައިން ނުފެންނާނެ." މަޖިލީހުގެ ރައީސާއި ނާއިބް ރައީސް އަހުމަދު ނާޒިމްވެސް ވިދާޅުވަނީ ކުރިއަށް އޮތް ވިހި ވަނަ ރައްޔިތުންގެ މަޖިލީހަކީ ވިސްނުންތެރިކަމާއެކު ނަތީޖާ ނެރެދޭނެ ރައްޔިތުން ބަލައިގަންނާނެ މުހިއްމު މަޖިލީހަކަށްވާނެ ކަމަށެވެ. އަދުރޭގެ ނަން މިއަދުން ފެށިގެން ދެން ލިޔެވިގެން ދާނީ ތިރީގައި މިވާ ބޭފުޅުންގެ ލިސްޓުގައެވެ.

ރައީސް މުޙައްމަދު ނަޝީދު

28 މޭ 2019 - 13 ނޮވެމްބަރު 2023

އަލްފާޟިލް ޤާސިމް އިބްރާހިމް

1 ނޮވެމްބަރު 2018 - 27 މޭ 2019

އަލްފާޟިލް ޢަބްދުﷲ މަސީޙު މުޙައްމަދު

27 މޭ 2014 - 1 ނޮވެމްބަރު 2018

އަލްފާޟިލް ޢަބްދުﷲ ޝާހިދު

28 މޭ 2009 - 28 މޭ 2014

އަލްފާޟިލް މުޙަންމަދު ޝިހާބު

12 އޯގަސްޓު 2008 - 28 މޭ 2009

އަލްފާޟިލް އަޙްމަދު ޒާހިރު

13 ސެޕްޓެމްބަރު 2004 - 6 އޯގަސްޓު 2008

އަލްއުސްތާޛު ޢަބްދުﷲ ޙަމީދު

11 ނޮވެމްބަރު 1993 - 13 ސެޕްޓެމްބަރު 2004

ޞާހިބުއްސަޢާދާ އަލްފާޟިލް އަޙްމަދު ޒަކީ

22 ފެބްރުއަރީ 1990 - 11 ނޮވެމްބަރު 1993

އަލްއުސްތާޛު ޢަބްދުﷲ ޙަމީދު

14 ފެބްރުއަރީ 1988 - 22 ފެބްރުއަރީ 1990

އަލްއުސްތާޛު އިބްރާހީމް ޝިހާބު

11 ނޮވެމްބަރު 1982 - 15 ޖެނުއަރީ 1988

އައްޝައިޚް އަޙްމަދު ޝާޠިރު

1 އޯގަސްޓު 1972 - 11 ނޮވެމްބަރު 1982

ޞާހިބުއްސަޢާދާ އަލްފާޟިލް އަޙްމަދު ޒަކީ

3 އޮކްޓޯބަރު 1959 - 1 އޯގަސްޓު 1972

އަންނަބީލު އިބްރާހީމް ފަރީދު ދީދީ

1 މާރިޗު 1954 - 3 އޮކްޓޯބަރު 1959

އައްޝައިޚް މަލިން މޫސާ މާފަތްކަލޭގެފާނު

13 އޭޕްރީލު 1952 - 21 އޮކްޓޯބަރު 1953

އައްޝައިހު މުޙަންމަދު ނަސީރު މަނިކު

12 އޭޕްރީލު 1948 - 12 އޭޕްރީލު 1952

އަލްއަމީރު ޢަލީ ކުޑަރަންނަބަނޑޭރި ކިލެގެފާނު

8 ނޮވެމްބަރު 1945 - 3 މާރިޗު 1948

އަލްއަމީރު އިބްރާހީމް ޢަލީ ދީދީ

30 އޮކްޓޯބަރު 1944 - 7 ނޮވެމްބަރު 1945

އަލްއުސްތާޛު އަޙްމަދު ކާމިލް ދީދީ

27 ޖޫން 1942 - 29 އޮކްޓޯބަރު 1944

އަލްއަމީރު މުޙަންމަދު ފަރީދު ދީދީ

21 އޮކްޓޯބަރު 1933 - 25 ޖޫން 1942

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ