މާލެ: 31°C

"އަދުގެ ރައީސުލްޖުމްހޫރިއްޔާގެ ދުރުވިސްނުމާއި އިރުޝާދުގެ ދަށުން" ނޭ ވެރިން ވިދާޅުވާތަން ފެނުމުން ދޭހަވަނީ ސަރުކާރު އެއް އަމާޒަކަށް މަސައްކަތް ކުރާކަން

September 10, 2024
3 ފަހަރު ބަލާފައި
"އަދުގެ ރައީސުލްޖުމްހޫރިއްޔާގެ ދުރުވިސްނުމާއި އިރުޝާދުގެ ދަށުން" ނޭ ވެރިން ވިދާޅުވާތަން ފެނުމުން ދޭހަވަނީ ސަރުކާރު އެއް އަމާޒަކަށް މަސައްކަތް ކުރާކަން
"އަދުގެ ރައީސުލްޖުމްހޫރިއްޔާގެ ދުރުވިސްނުމާއި އިރުޝާދުގެ ދަށުން" ނޭ ވެރިން ވިދާޅުވާތަން ފެނުމުން ދޭހަވަނީ ސަރުކާރު އެއް އަމާޒަކަށް މަސައްކަތް ކުރާކަން
ސަރުކާރުގެ ވުޒާރާއެއްގެ މިނިސްޓަރެއްވިޔަސް، އިދާރާއެއްގެ ވެރިއެއްވިޔަސް، ކުންފުންޏެއްގެ އިސްވެރިއެއް ވިޔަސް އެތަނަކުން ކުރާ ކޮންމެ ކަމަކާ ގުޅޭ ގޮތުން ކުރާ ޓްވީޓެއްވިޔަސް، ނޫސްވެރިންގެ ބައްދަލުވުމެއްގައިވިޔަސް އެއްމެ އާމުކޮށް މިހާރު އިވޭ އެއް ޖުމްލައަކީ "އަދުގެ ރައީސުލްޖުމްހޫރިއްޔާގެ ދުރުވިސްނުމާއި އިރުޝާދުގެ ދަށުން"  ކުރާ ކަމަކަށް އެކަމެއް ބުނާ ވާހަކައިގެ އަޑެވެ. މިކަމަށް ބައެއް މީހުން ހަޖޫޖަހަމުންދާތަން ވެސް ފެނެއެވެ. އެހެންކަމުން އެ ޖުމްލަ އެ ފަރާތްތަކުން ބުނަމުންދިއުމަކީ ސަރުކާރުގެ ހިންގުމުގައި ގޯހެއްތޯ، ނުވަތަ އެއީ ސަރުކާރު ހިނގާ ގޮތުގެ ހަރުދަނާކަން ސާބިތުކޮށްދޭ ކަމެއްތޯ އާއި މެދު ވިސްނާލައި އެ މަގަށް ނަޒަރު ހިންގާލީމެވެ. ސަރުކާރު ހިންގުމާ ހަވާލުވެފައިވާ މީހުން ކުރާ ކަންކަން ކުރަނީ ރައީސުލްޖުމްހޫރިއްޔާގެ ދުރުވިސްނުމާއި އިރުޝާދުގެ ދަށުންކަމަށް ބުނުމަކީ މައްސަލައެއް ހެއްޔެވެ. ޤާނޫނީ ނަޒަރަކުން މިކަމަށް ބަލައިލަމާ ހިންގަވާށެވެ. ވެރިކަމުގެ ބާރުތައް ފެށިގެން އަންނަނީ ރައްޔިތުންގެ ބަޔަކު ވަކި މީހަކަށް ވޯޓުދީ އެ މީހަކު ގައުމުގެ ވެރިޔަކަށް މީހަކު އިސްކޮށްގެންނެވެ. އެއަށްފަހު ކެބިނެޓް މިނިސްޓަރުންނާއި އެކި އިދާރާތަކަށާއި ކުންފުނިތައް ހިންގުމަށް މީހުން އިސްކުރަނީ ރައީސުލްޖުމްހޫރިއްޔާއަށް ލިއްބައިދީފައިވާ ބަރުތަކުގެ ތެރެއިންނެވެ. ސަރުކާރުގެ މިނިސްޓްރީތައް ހިންގުމަށް  މިނިސްޓަރުން އައްޔަންކުރަނީ ޤާނޫނުއަސާސީގެ 115 ވަނަ މާއްދާގެ (ޅ) ގެ ދަށުން ރައީސުލްޖުމްހޫރިއްޔާގެ މަޤާމުގެ ވާޖިބު އަދާކުރުމަށްޓަކައި ވަޒީރުންގެ މަޖިލީހެއް އެކުލަވާލުމަށް ރައީސުލްޖުމްހީރިއްޔާ އަށް ލިބިދީފައިވާ ބާރުގެ ތެރެއިންނެވެ. ގާނޫނުއަސާސީގެ 116 ވަނަ މައްދާއަށް ބަލާއިރު ސަރުކާރުގެ ވުޒާރާތަކުގެ މަސައްކަތުގެ ދާއިރާތައް ކަނޑައެޅުމަކީ ރައީސުލްޖުމްހޫރިއްޔާގެ ދީފައިވާ އިޚްތިޔާރެކެވެ. ޤާނޫނުއަސާސީގެ 115 ވަނަ މާއްދާގެ (ބ) ގެ ދަށުން ދައުލަތުގެ މައިގަނޑު ސިޔާސަތުތައް ކަނޑައަޅައި އެ ސިޔާސަތުތައް ސަރުކާރުގެ ކަމާގުޅޭ އިދާރަތަކަށާއި މުއައްސަސާތަކަށް އަންގައި އެކަމުގެ އިރުޝާދުތައް ދިނުމަށް ހަވާލުކޮށްފައިވަނީ ރައީސުލްޖުމްހޫރިއްޔާއާއެވެ. އަދި އެ މާއްދާގެ (ށ) އަށް ބަލާއިރު ސަރުކާރުގެ އެންމެހައި އިދާރަތައް ގުޅިގެން ހިންގުންތެރިކަމާއެކު މަސައްކަތްކުރޭތޯ ބެލުމަކީވެސް ރައީސުލްޖުމްހޫރިއްޔާއާ ހަވާލުކުރެވިފައިވާ މަސައްކަތަކެވެ. ވިސްނާލަންޖެހެނީ ވަޒީރުންގެ މަޖިލިސް އައްޔަންކުރަނީ ރައީސުލްޖުމްހޫރިއްޔާގެ މަޤާމުގެ ވާޖިބު އަދާކުރުމުގެ ބޭނުމަކަމެވެ. އެވެރިންނާ ކުރަންވީ މަސައްކަތް ހަވާލުކުރަނީ އަދި ހަވާލުކުރާ މަސައްކަތް ކުރޭތޯ ބަލަނީ ރައީސުލްޖުމްހޫރިއްޔާއެވެ. ޤާނޫނުއަސަސީގެ 132 ވަނަ މާއްދާ ބަލައިލާށެވެ. އެ މާއްދާއަކީ ވަޒީރުންގެ މަޖިލީހުގެ މަސްއޫލިއްޔަތުތައް ބަޔާންކުރާ މާއްދާއެވެ. އެ މާއްދާގައިވާ ގޮތުން ވަޒީރުންގެ މަޖިލީހުގެ ކޮންމެ މެމްބަރަކީ ރައީސުލްޖުމްހީރިއްޔާ އެމީހަކާ ހަވާލުކުރާ މަސައްކަތެއް ކުރަން އައްޔަންކުރާ ބައެކެވެ. ޤާނޫނުއަސާސީގެ 134 ވަނަ މާއްދާއަށް ބަލާއިރު ވަޒީރުންނާ ހަވާލުކުރާ މަސްއޫލިއްޔަތުތަކުގައި ވަކި ވަކި މެންބަރުންނާއި މުޅި ވަޒީރުންގެ މަޖިލިސް ރައީސުލްޖުމްހޫރިއްޔާއަށް ޖަވާބުދާރީވާންޖެހެއެވެ. އަދި އެމީހެއްގެ އިހްތިސާސްގައިވާ އެންމެހާ ކަންކަމާ ގުޅޭގޮތުން ސައްހަ މައުލޫމާތު ރައީސުލްޖުމްހޫރިއްޔާ އަށް އަރުވަންޖެހެއެވެ. ދިވެހިރާއްޖޭގެ ޤާނޫނީ ނިޒާމު މިހާރު ފަރުމާކުރެވިފައިވާ ގޮތަށް ބަލާއިރު ވަޒީރުންގެ މަސައްކަތާއި  ނުވަތަ ވަޒީރުންގެ މަޖީލީހުގެ މަސައްކަތަކީ ސީދާ ރައީސްގެ ކަނޑައަޅުއްވާ ގޮތެއްގެ މައްޗަށް ރައީސުލްޖުމްހޫރިއްޔާގެ އިރުޝާދުގެ ދަށުން ރައީސުލްޖުމްރީއްޔާ ކަނޑައަޅުއްވާ މަސައްކަތެއްކެއް ކުރައްވަން ރައީސުލްޖުމްރީއަށް ޖަވާބުދާރީވާގޮތަށް އައްޔަންކޮށްފައިތިބޭ ބަޔަކަށްވާއިރު އެވެރިން އެ ކުރާ މަސައްކަތަކީ އަދުގެ ރައީސުލްޖުމްހޫރިއްޔާގެ ދުރުވިސްނުމާއި އިރުޝާދުގެ ދަށުން ކުރާ ކަމެއް ކަމުގައި ބުނުމުގައި މައްއްލައެއް އޮތްތަނެއް ނުފެނެއެވެ. އެއާ ޙިލާފަށް އެ ޖުމްލަ ސަރުކާރުގެ ވެރިން ތަކުރާރުކުރާތަން ފެނުމުން ދޭހަވަނީ ސަރުކާރު އަމާޒު އެއް މިސްރާބަކަށް ހިފެހެއްޓިފައިވާކަމެވެ، ނުވަތަ ސަރުކާރު އެއް ވިސްނުމެއްގައި އެއް އަމާޒަކަށް މަސައްކަތްކުރާ ކަމެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ