މާލެ: 31°C

އާދައިގެ ހުމަކީ ހަށިގަނޑަށް ވާ ބޮޑު ރަނގަޅެއް!

March 16, 2023
2 ފަހަރު ބަލާފައި
އާދައިގެ ހުމަކީ ހަށިގަނޑަށް ވާ ބޮޑު ރަނގަޅެއް!
އާދައިގެ ހުމަކީ ހަށިގަނޑަށް ވާ ބޮޑު ރަނގަޅެއް!
އާދައިގެ ހުމެއް އަތުވެއްޖެ ނަމަ އަވަސް އަވަހަށް ގޮސް ބޭހެއް ގަނެގެން ކާން ފެށުމުގެ ބަދަލުގައި، ގުދުރަތީ ގޮތުން ހުން ރަނގަޅުވާން ދޫކޮށްލަންވީ އެވެ. ކެނެޑާގެ ޔުނިވާސިޓީ އޮފް އަލްބާޓާގައި ކުރި ދިރާސާއަކުން ލަފާ ލިބެނީ މިގޮތަށެވެ. އެ ޔުނިވާސިޓީގެ  ރިސާޗަރުންނަށް ހޯދުނު ގޮތުގައި އާދައިގެ ވަރަކަށް ހުން އައުމުގެ ސަބަބުން، މަހެއްގައިވާ އިންފެކްޝަނެއް މުޅިން ސާފުވެގެން ދިޔަ އެވެ. އެކަމުގެ ސަބަބުން އެ މަހުގައި ދުޅަވެފައި ހުރިތަނެއްގެ ދުޅަ ތިރިވެ، ހަލާކުވެފައިވާ ޓިޝޫތައް ވެސް ރަނގަޅުވި އެވެ. އެކަމުން އެނގުނީ އާދައިގެ ހުމަކީ ހަށިގަނޑުން އަމިއްލައަށް އުފައްދާ، އަދި އެކަމުން ނުކުންނަން ޖެހޭ ނަތީޖާ ނުކުތުމަށް ފަހު އަމިއްލައަށް ރަނގަޅުވެސް ކޮށްލާ ކަމެއް ކަމެވެ. އިންސާނުންގައި އެ ނިޒާމު މަސައްކަތް ކުރަނީ އެގޮތަށް ކަން، ދިރާސާއަކުން އަދި ކަށަވަރުކުރަން ޖެހެ އެވެ. އެހެން ނަަމަވެސް ހުން އައުމުގެ ނިޒާމަކީ ހުރިހާ ދިރޭތަކެއްޗެއްގައި އެއްގޮތަކަށް ހުންނަ ކަމަކަށް ވާތީ ރިސާޗަރުން ވިދާޅުވަނީ އާދައިގެ ހުން، ބޭހެއް ނުކައި އޭގެ ޒާތުގައި ރަނގަޅުވާން ދޫކޮށްލައިފި ނަމަ ހަމަ އެ ނަތީޖާ ލިބޭނެ ކަމަށެވެ. "އަހަރެމެން ދޫކޮށްލީ ގުދުރަތީ ގޮތުން ވާކަންތައް އެގޮތަށް ވާން. މިކަމުގައި [މި މަހަށް ކުރި ކަންތަކުގައި] އެކަމުން ވީ ވަރަށް ބޮޑު ރަނގަޅެއް،" އިމިއުނޮލޮޖިސްޓް ޑެނިއެލް ބަރޭޑާ ސައިންސް ޑެއިލީއަށް ވިދާޅުވެފައި ވެ އެވެ. ބަރޭޑާ އަކީ ޔުނިވާސިޓީ އޮފް އަލްބާޓާއިން ކުރި ދިރާސާގެ އިސް މުސައްނިފެވެ. އޭނާ ދެކެވަޑައިގަންނަވާ ގޮތުގައި މަހެއް ބޭނުންކޮށްގެން ކުރި އެ ދިރާސާއިން ލަފާ ލިބެނީ ހުން މަޑުކުރަން، ބޭސްފިހާރަތަކުގެ ކައުންޓަރުތަކުން ވަގުތުން ލިބޭ ބޭސްތައް (ޑޮކްޓަރަކަށް ނުދައްކާ ގަނެލައިގެން ކާ ބޭސްތައް) އަހަރެމެން ދޫކޮށްލުމަށެވެ. ބޭސްވެރިކަމުގައި އެފަދަ ބޭސްތަކަށް "ނަން ސްޓެރޮއިޑަލް އެންޓި-އިންފްލެމޭޓަރީ ޑްރަގްސް" އެވެ. ބަރޭޑާ ދެކެވަޑައިގަންނަވާ ގޮތުގައި އާދައިގެ ހުމެއްގެ ފުރަތަމަ އަލާމާތްތަކާ އެކު އެފަދަ ބޭސްތައް ބޭނުން ނުކުރުން ރަނގަޅެވެ. "އެ ބޭސްތަކުން ކުރާ ކަމަކީ ހުމުން ލިބޭ އުނދަގޫތައް ފިލުވައިލުން. އެކަމަކު އެއާ އެކު ތިޔަ ދޫކޮށްލެވެނީ ގުދުރަތީ އެ އިޖާބައިގެ [ހަށިގަނޑަށް ލިބޭ ގެއްލުމަކުން ދިފާއުވާން ހަށިގަނޑުން އަމިއްލައަށް ދޭ އިޖާބައިގެ] ފައިދާތައް. އޭނާ ވިދާޅުވެފައި ވެ އެވެ. ބަރޭޑާ އިސްވެ ހުންނަވައި، ޔުނިވާސިޓީ އޮފް އަލްބާޓާގެ ރިސާޗަރުން ކުރި އެ ދިރާސާއިން އެނގުނީ އާދައިގެ ހުމެއް އައުމުން ހަށިގަނޑަށް އެކަމުން ފައިދާކޮށްދޭ ނިޒާމީ ހަގީގަތްތަކެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި އެއީ ފާއިތުވި 550 މިލިޔަން އަހަރުގެ ތެރޭގައި ދިރޭތަކެއްޗަށް އިވޮލިއުޝަނަރީ ގޮތުން އައި ބަދަލުތަކާ އެކުގައި ވެސް ބަދަލެއް ނައިސް އޮތް ނިޒާމެކެވެ. ޔުނިވާސިޓީ އޮފް އަލްބާޓާގެ ރިސާޗަރުން އެ ދިރާސާގައި ކުރި ކަމަކީ މަހެއްގެ ހަށިގަނޑަށް ބެކްޓީރިއަލް އިންފެކްޝަނެއް ދިނުމަށް ފަހު އެ މަހަށް ވާނުވާ ގޮތްތައް ބެލުމެވެ. އެގޮތަށް ބެލި އިރު ބޭރުފުށުން ފެނުނީ އިންސާނަކު ވެސް ހުންއައުމުން ފެންނާނެ އަލާމާތްތަކެވެ. ހަރަކާތް މަދުވުމާއި ވަރުބަލިކަމާއި ބަލިކަށިކަން އޭގެ ތެރޭގައި ހިމެނެ އެވެ. އެއާ އެކު ހަށިގަނޑުގެ އެތެރެއިން ހަރަކާތްތެރިވީ ދިފާއީ ނިޒާމެވެ. އެ ދިރާސާއިން އެނގުނު ގޮތުގައި ގުދުރަތީ ގޮތުން އަންނަ ހުމުގެ ސަބަބުން ހަށިގަނޑުން އުފެދެނީ ވަރަށް ބޮޑަށް ލާމެހިފައިވާ ދިފާއީ މަސައްކަތެކެވެ. އެކަމުންވާ ކަމަކަކީ ހަމަ އެކަނި އިންފެކްޝަނުން ހަށިގަނޑު ދިފާއުކޮށްދިނުމެއް ނޫނެވެ. އިންފެކްޝަން ކޮންޓްރޯލްކުރުމުގެ މަަސައްކަތް ވެސް ހިނގަ އެވެ. ދިރާސާގައި ، ގަސްދުގައި އިންފެކްޝަނެއް އުފެއްދި މަހުން އެ އިންފެކްޝަން ސާފުވާން ހޭދަވީ ހަފްތާއެކެވެ. އެއީ ބޭސްދީގެން ހުން ކޮންޓްރޯލްކުރި މަހުގެ އިންފެކްޝަން މުޅިން ފިލަން ހޭދަވީ ވަރުގެ ދެބައިކުޅަ އެއްބައި މުއްދަތެކެވެ. ކެނެޑާގެ ސައިންސްވެރިން ކުރި އެ ދިރާސާގެ ބޭނުމަކީ ބޭސްވެރިކަމުގެ ދާއިރާއިން ހޯދަމުން އަންނަ ކުރިއެރުންތަކާއި އެކު ހަށިގަނށޑުގެ ގުދުރަތީ ދިފާއީ ނިޒާމުގެ ބޭނުން ވެސް އެންމެ ހެޔޮގޮތުގައި ހިފުމަށް މަގުފަހިކުރުމެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ