ޕާޓީ ނިޒާމުގެ ވެރިކަންތައް އޮންނަ ގައުމު ތަކުގައި ޕާޓީތައް އުފެދިގެން އަންނަނީ ވަކި ހަމަތަކެއް ނުވަތަ ވަކި ފިކުރީޔާތެއްގެ މައްޗަށް ކަންކަން ބައްޓަންކުރަން ބޭނުންވާ ބައެއްގެ މެދުގައެވެ.
އެފަދަ އެއްވިސްނުމެއްގެ ބައެއް އެކުވެގެން އެ ވިސްނުމުގެ މަތިން ގައުމުގެ ކަންކަން ކުރުމުން ގައުމަށާއި ރައްޔިތުންނަށް ލިބޭނެ ފައިދާ ރައްޔިތުންނަށް ވިސްނައިދީ އެ ވިއްސުމުގައި ގައުމުގެ ތަސައްވަރުކުރަހައި އެކުލަވާލައެވެ.
އެއްވެސް ވިސްނުމެއް ނެތި ރައްޔިތުން އެންމެ ފަސޭހައިން ވައިވައްދައިގެން ވެރިކަން ލިބޭނެހެން ހީވާ ގޮތްތަކަށް ވާހަކަދައްކައިގެން ނުވަތަ މަސައްކަތް ކޮށްގެން ހަމައެކަނި ވެރިކަން ހޯދަން މަސައްކަތް ކުރާ މީހުންތަކަކަށް ނުވަތަ ގުރޫޕަކަށް ސިޔާސީ ޕާޓީ އެކޭ ކިއިދާނެތޯއެވެ. އާދެ ސިޔާސީ ޕާޓީއެއްގެ ގޮތުގައި ރަޖިސްޓަރީ ކުރާ ހިސާބުން އެ ފަރާތްތަކަކީވެސް ސިޔާސީ ޕާޓީއަކަށް ވެގެންދެއެވެ.
ނަމަވެސް އެފަދަ ފަރާތްތަކުން ހަގީގީ ސިޔާސީ ޕާޓީތަކުން ކުރާފަދަ ޓެކްނިކަލް މަސައްކަތްތަކެއް ނުކުރާނެއެވެ. އިންތިހާބުތަށް ކާމިޔާބުކުރުމުގައި މައިގަނޑު ގޮތެއްގައި ބޭނުންކުރާ 2 ޝިޔާރަކީ ގައުމިއްޔަތާއި، ދީނެވެ. ކޮންމެ ގައުމެއްގައިވެސް މި 2 ޝިޔާރަކީ ނިކަން ރަނގަޅަށް ރައްޔިތުން އޭގައި ޖެހޭ 2 ޝިޔާރެވެ.
ޕާޓީ ނިޒާމުގެ ތެރެއިން ރައްޔިތުންގެ އިޖުތިމާއީ އިގްތިސާދީ ކުރިއެރުމަށާއި، ތަރައްގީ އާއި އެނޫންވެސް ކަންކަމުގައި ކިތައްމެ ފުރިހަމަ ޕްލޭނަކާއެކީ ވެރިކަން ކުރަމުންދާ ޕާޓީއަކާ ދެކޮޅަށްވެސް މިދެންނެވި 2 ޝިޔާރު ބޭނުން ކޮށްގެން ރައްޔިތުންގެ ހިތް ތަކުގައި ނަފްރަތާއި ފިތުނަ އުފައްދައިގެން ކާމިޔާބު ހޯދާފައިވާތަން ފެންނާން އެބަހުއްޓެވެ.
ނަމަވެސް އާޚިރުގައި އެ ފިތުނާގައި ޖެހެވުމުގެ ސަބަބުން ހުރިހާ ގެއްލުމެއް ވަނީ ގައުމަށާއި ރައްޔިތުންނަށެވެ. އެ ވާހަކަތައް ދައަކައިގެން ވެރިކަން ހޯދުމަށްފަހު އެވެރިންނަށް ދެން ކުރެވޭނެ މާބޮޑު ކަމެއްވެސް ނޯންނާނެތާއެވެ. އެހާ ހަމައިން އެފަރާތްތަކަށްވެސް ހަމަ ޤަބޫލުކޮށް ދުނިޔެއާއި ގުޅިގެން އުޅެން މި އޮންނަނީ މަޖުބޫރުވެފައެވެ.
އެހާ ހަމައިން އެއްކަލަ އުފެއްދި ފިތުނާގައި އެވެރިން އަމިއްލައަށްޖެހި ގޮތްހުސްވެދެއެވެ. ގޯހޭވެސް ރަނގަޅޭވެސް ދެންފަހެ ބުނާކަށް ނުކެރޭނެއެވެ. ދެން ބަލަނީ ވެރިކަމުގެ ޓާމް ފުރިހަމަކޮށް އިތުރު ދައުރެއްވެސް ލިބޭނެ ގޮތެއް އޮތްތޯއެވެ.
ސިޔާސަތެއް ނެތީމައި އެނބުރެންވެސް ފަސޭހަ ވާނެތާއެވެ. އެހެންކަމުން އަބަދުވެސް އެނބުރެމުންދާނީ ވެރިކަމުގައި ތިބެވޭނެ ގޮތްތަކެއް ހޯދުމުގެ މައްޗަށެވެ.
މިހާރު ވެރިކަމުގައި ތިއްބެވި ބޭފުޅުންނަކީ ގައުމިއްޔަތާއި ދީން ބޭނުންކޮށްގެން ވެރިކަމަށް ވަޑައިގެންނެވި ފަރާތްތަކެކޭ ބުނެވިދާނެއެވެ. ނަމަވެސް ހަގީގަތަކީ އެ 2 ޝިޔާރު ބޭނުންކުރީ އޭގައި ދިވެހިން ޖެހޭތީ އެވެ.
ބުނަނީ ގައުމިއްޔަތޭއެވެ. އޭރުވެސް ކުރި ކަމަކީ މާލޭގެ މަލަމަތިން ދިވެހިވަންތަ ކަން ނައްތާލީއެވެ. އިންދީ ކަދުރު ރުކެވެ. ދެންބުނީ އިންޑިއާ އައުޓް އެވެ. ނަމަވެސް އަދިވެސް އޮތީ ހަމަ އެ އިންޑިއާ އެވެ. ދިވެހިންނަށް ކަމެއް ބޮޑުވާ ކޮންމެ ހިނދެއްގައި ލަހެއް ފަހެއް ނެތި އަތްދިއްކޮށްލާ އިންޑިއާއެވެ.
އެރި އޮޅުމަކީ ގައުމަކަށް ކުރާ ފުރަމާނަ ދަތުރުފުޅަކުން ލިބުނު މެހެމާން ދާރީ އަކީ އިންޑިއާ ފަދައިން ރާއްޖެއަށް ރާއްޖޭގެ ރައްޔިތުންނަށް ފަސްނުޖެހި އަތްދިއްކޮށްލާނެ ގައުމެއް ލިބުނީ ކަމަށް ހީކުރެވުމެވެ، އެ ކުއްހީގައި ވެރިކަމުގައި ތިބެވެސް އެއްކަލަ އިންޑިއާއި ދެކޮޅު ފިތުނަ ކުރިއަށް ގެންދަން ފޫގަޅާލެވުމެވެ.
ނަމަވެސް އާހިރުގައި މިވީ ކިހިނެއްތޯ އެވެ. ރިއަލައިޒް ވެއްޖެއެވެ. ރަނގަޅަށްވެސް އިނގިއްޖެއެވެ. ރާއްޖެއަށް އިހްލާސްތެރިކަމާއެކު މަދަދެއް ފޯރުކޮށްދޭނެ ފުރަތަމަ ގައުމަކީ އިންޑިއާ ކަން އިނގިއްޖެއެވެ.
އެވެރިން މާޒީގައި ކޮންމެ ގޮތަކަށް ކަންކަން ކުރިޔަސް އިންޑިއާއިން ދިވެހި ރައްޔިތުންނަށް ގެއްލުމެއްވާކަށް ނުދޭނެ ކަން އިހްސާސްކުރެވިއްޖެއެވެ. ރާއްޖޭގެ މާލީ ހާލަތު ދައްވާ ކޮންމެ ފަހަރަކު ބަޖެޓް ސްޕޯޓްވެސް ދޭ ހަމައެކަނި އިންޑިއާ ކަން އެވެރިންނަށްވެސް އިނގެއެވެ. އަދިވެސް އިންޑިއާއިން އެކަން ކޮށްދޭނެކަންވެސް އެވެރިންނަށް އިނގެއެވެ.
ކުރިން އެވެރިންނަށް ނޭނގުނު ކަމަކީ ސިޔާސަތު ނުދަންނަ ބަޔަކު ދައްކާ ވާހަކައަކުން ނުވަތަ ކުރާ ކަކަމުން އެކަމުގެ ބަދަލުގައި ރާއްޖޭގެ ރައްޔިތުންނަށް އިންޑިއާއިން އެވެސް ގެއްލުމެއް ލިބެން ބޭނުން ނުވާނެ ކަމަވެ.

