އަތޮޅުތަކާ މާލެއާ ދެމެދު ފެރީ ލޯންޗްތަކަށް ހެންވޭރު ފެރީ ޓާމިނަލް އަދި ހުޅުމާލެ ފެރީ ޓާރމިނަލް ހާއްސަ ކުރަން ނިންމައިފިއެވެ.
މިކަން އިއުލާންކޮށް އެމްޓީސީސީން ކުރި އިއުލާނެއްގައި ވަނީ ރަށްރަށުން މާލެ އަށް ދަތުރުކުރާ ރައްޔިތުންނަށް ލުއިފަސޭހަ ގޮތްތަކެއް ހަމަޖެއްސުމުގެ ގޮތުން ، މާލެ އާއި އަތޮޅު ތަކާއި ދެމެދު ލޯންޗް ފެރީ އޮޕަރޭޓް ކުރާ ފަރާތްތަކުން ލަފާ ފުރުމަށްޓަކައި ހެންވޭރު ފެރީ ޓާމިނަލް އަދި ހުޅުމާލެ ފެރީ ޓާރމިނަލްގެ ބަނދަރު ބޭނުން ކުރުމަށް ހުޅުވާލުމަށް ގަސްދުކުރާކަމަށެވެ.
"ވީމާ، ފަޅު ބޭނުންކުރުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 10 މާރޗް 2025 ވަނަ ދުވަހުގެ 14:00ގެ ކުރިން މިކުންފުނީގެ ތިރީގައި ބަޔާންކޮށްފައިވާ އީމެއިލް މެދުވެރިކޮށް ޝައުޤުވެރިކަން ހުށަހެޅުމަށް ދަންނަވަމެވެ. އީމެއިލް އެޑްރެސް: tsd@mtcc.com.mv. އިތުރު މަޢުލޫމާތު ހޯދެއްވުމަށް މިކުންފުނީގެ ނަންބަރު 7978865 އަށް ގުޅުއްވުން އެދެމެވެ." އެމްޓީސީސީގެ އިއުލާންގައި ވެއެވެ.
މިގޮތަށް ހަމަޖެއްސުމުން މާލެއާއި އަތޮޅުތަކާދެމެދު ލޯންޗްގައި ދަތުރުކުރާ ފަރާތްތަކަށް ވަރަށް ބޮޑު ލުއިފަސޭހައެއް ލިބިގެންދާނެއެވެ. މަލެއާއި އަތޮޅުތަކާދެމެދު ފެރީ ކުރާ ގިނަ ލޯންތައް މިހާރު ލަފާ ފުރަނީ އެމްއެމްއޭ ކުރިމަތީ ފަޅުތެރެއިންނާއި ބޭންކް އޮފް ސިލޯން ކުރިމަތިންނެވެ. މި ސަރަހައްދުތަކަކީ ބާރުބޮޑު ސަރަހައްދުތަކަށްވާތީ އަރާފޭބުމަށް ގިނަ ދަތިތަކާ ކުރިމަތިވެއެވެ. ގިނަ ފަހަރަށް އަރާފައިބަން ޖެހެނީ އެއްލޯންޗް އަނެއް ލޯންޗުންނެވެ.

