އައްޑޫ ރައްޔިތުންނަށް ނިސްބަތް ކުރައްވައި، ޑިފެންސް މިނިސްޓަރު މުހައްމަދު ޣައްސާން މައުމޫން ހުތުރުކޮށް ވާހަކަ ދެއްކެވި ކަމަށް ބުނެ ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެމްބަރު އަބްދުއްރަހްމާން (އައްދު) ރައީސް ޑރ. މުހައްމަދު މުއިއްޒަށް ސިޓީއެއް ފޮނުއްވައިފި އެވެ.
މެމްބަރ އަބްދުއްރަހްމާން އެކްސްގައި ކޮށްފައިވާ ޕޯސްޓް ގައި ވިދާޅުވެފައިވަނީ ރިޔާސީ ބަޔާނަށްފަހު މަޖިލިސް ތެރެއިން މިނިސްޓަރ ޣައްސާން އާއި ބައްދަލުވެ ދެކެވުނު ވާހަކައިގައި އައްޑޫ ރައްޔިތުންގެ މަސްލަހަތު ބޮޑު ދެ ކަމެއްގައި ޣައްސާނަށް ގުޅުމުން ފޯނަށް ޖަވާބު ނުދެއްވާ އޮތް ވާހަކަ ދެންނެވުމުން، ރައްދުގައި އައްޑޫގެ ރައްޔިތުންނަށް ނިސްބަތްވާ ގޮތަށް ވަރަށް ހުތުރުކޮށް ޣައްސާން ވާހަކަ ދައްކަވާފައިވާ ކަމަށެވެ.
އެގޮތުން މިނިސްޓަރ ޣައްސާން ކޯޕާއިސްކުރައްވައި ކަލޭމެން ގުޅައިގެން ފޯނަށް ޖަވާބު ދޭކަށް ނުޖެހޭ ކަމަށާއި އައްޑޫ އަކީ އެމަނިކު ފާނާ ބެހޭ ތަނެއް ނޫންކަމަށް ވިދާޅުވިކަމަށް އެސިޓީގައި ބަޔާންކޮށްފައިވެއެވެ.
ރިޔާސީ ބަޔާނަށްފަހު މަޖިލީހުގެ އިދާރާއިން މިނިސްޓަރު ޣައްސާން މައުމޫނާ ބައްދަލުވުމުން، އައްޑޫ ރައްޔިތުންގެ މަސްލަހަތު ބޮޑު ދެ ކަމެއްގައި ގުޅުއްވި ކަމަށް ވިދާޅުވުމުން ވަޒީރު ކޯފާ އިސް ކުރައްވައި، ކަލޭމެން ގުޅައިގެން ފޯނަށް ޖަވާބު ދޭކަށް ނުޖެހޭނެ. އައްޑޫ އަކީ މަށާ ބެހޭ ވެސް ތަނެއް ނޫން،" އެ ސިޓީގައި ބުނެފައިވެއެވެ.
އެ ސިޓީގައި އިތުރަށް ބުނެފައިވަނީ މިނިސްޓަރ ޣައްސާން ރިޔާސީ އިންތިހާބުގެ ކެމްޕޭނުގެ ތެރޭގައި އައްޑޫއަށް ވަޑަޑައިގެން އައްޑޫ ރައްޔިތުން ޕީއެންސީ އަށް ވޯޓުދީފިނަމަ އައްޑޫ ރައްޔިތުން އެހެން ބަޔަކަށް ދުވަހަކު ވެސް ވޯޓު ނުދޭވަރު ކޮށްދޭނެ ކަމަށް ވިދާޅުވެ ދެއްކި ވާހަކަތައް ހަނދާާންކޮށް ދިނުމުން އެމަނިކްފާނު އިތުރަށް ކޯފާ އިސްކުރައްވައި އެމަނިކުފާނު އައްޑޫއަށް ވަޑައިގެންނެވީ އަޅުގަނޑުމެން އެދިގެން ކަމަށާއި އައްޑޫ އަކީ އެމަނިކުފާނާ ބެހޭ ތަނެއްނޫންކަމަށް ބުނެ އެމަނިކުފާނުގެ ވާހަކަ ތަކުރާރު ކުރެއްވިކަމަށްވެސް އެ ސިޓީގައި ބުނެފައިވެއެވެ.
ނަމަވެސް ޣައްސާން އިތުރަށް ކޯފާ އިސް ކުރައްވައި، ތިމަންނަ އައްޑޫއަށް ދިޔައީ ކަލޭމެން އައްޑޫ މީހުން އެދިގެން. އައްޑޫއަކީ މަށާ ބެހޭ ވެސް ތަނެއް ނޫން" ކަމަށް ވިދާޅުވި ކަމަށް ވެސް އެ ސިޓީގައި ބަޔާންކޮށްފައި ވެއެވެ.
މެމްބަރު އަބްދުއްރަހްމާން (އައްދު) ރައީސަށް ފޮނުވި ސިޓީގައި ވަނީ ޣައްސާން ރައްޔިތުންގެ ކިބައިން މައާފަށް އެދުމަށް އޭނާއަށް ދެންނެވުމަށް ރައީސްގެ އަރިހުން އެދިވަޑައިގެންފަ އެވެ.

